ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އެއް އެޕާޓްމަންޓަކަށް ބަދަލު ކޮށްލުމުން 2 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އާބަންކޯއިން ބުނީ، ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން 4 ކޮޓަރީގެ އެޕާޓްމަންޓެއް ހަދާފައިވާ ކަމުގެ ރިޕޯޓް އެކޯޕަރޭޝަނަށް ވަނީ ލިބިފައިވާ ކަމަށެވެ.

އެ ކޯޕަރޭޝަނުން ބެލި ބެލުމުން މިހާރު ވަނީ އެއީ ކޮން އެޕާޓްމަންޓްތަކެއްކަން ދެނެގަނެވިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.

މިއެޕާޓްމަންޓުގެ އިންޓީރިއާ ހެދުމުގެ މަސައްކަތް ކުރި އިރު، އާބަންކޯއިން ހެދިފައިވާ އުސޫލުތަކާއި ހިލާފަށް ދެފަރާތުން ވަނީ ދެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލައި، 4 ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައި ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

މި މައްސަލަ ބެލުމަށް ފަހު ކޮންމެ އެޕާޓްމަންޓެއް، 100،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.

އަދި ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް އެޕާޓްމަންޓުގެ ވެރިފަރާތަށް އަންގާފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.