މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިޖްތިމާއީ ޒިންމާގެ ދަށުން ކެއާ ސޮސައިޓީގެ ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ފަށައިފިއެވެ.
ކެއާ ސޮސައިޓީ އާ ގުޅިގެން އެމްއޭސީއެލް އިން ފެށި އިންޓާންޝިޕް ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން މިއަދު އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ އިބްރާހިމް ތޯހާ އަދި ކެއާ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު އަހްމަދު އާތިފްއެވެ.
އެމްއޭސީއެލުން ބުނީ، އެ އިންޓާންޝިޕް ޕްރޮގްރާމުގެ ދަށުން ކެއާ ސޮސައިޓީގެ ހަތަރު ދަރިވަރަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދީފައި ވާ ކަމަށާއި މި ފުރުސަތަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އެ ކުދިންނަކީ ވެސް މަސައްކަތުގެ މާހައުލުގައި ތަފާތު ދެއްކޭނެ ކުދިންތަކަކަށް ވުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އިންޓާންޝިޕްގެ އިތުރުން މިއަދު ވެވުނު އެއްބަސްވުމުގައި ކެއާ ސޮސައިޓީގައި ވޮކޭޝަންލް ޓްރެއިނިން ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ދަރިވަރަކަށާއި އަދި އެޑިއުކޭޝަން އެންހޭސްމަންޓް ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ދަރިވަރަކަށް އެކުދިންގެ އެއް އަހަރުގެ ފީ ސްޕޮންސާ ކޮށްދިނުމަށް އެމްއޭސީއެލް އިން ވަނީ އެއްބަސްވެފައެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކެއާ ސޮސައިޓީގެ ފަންޑް ފޮށިތައް ބެހެއްޓުމަށް ވެސް މި ފަހުމުނާމާގައި އެއްބަސްވެފައެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އިބްރާހިމް ތޯހާ ވިދާޅުވީ، މި އެއްބަސްވުމަކީ، އެމްއޭސީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖުތަމައުގައި ތިބި އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ހަރަކާތްތައް ރާވާފައި ވާނީ ދެމެހެއްޓެނިވި ތަރައްގީ އާއި، މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ތައުލީމާއި، ތިމާވެށީގެ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށް ދިނުމަށް ކަމަށް ތޯހާ ވިދާޅުވިއެވެ.
ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑައިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށް ދެވޭނީ ރާއްޖޭގެ އެކި ފަރާތްތައް ގުޅިގެން ހާއްސަކޮށް ބޮޑެތި ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އަދި އެމްއޭސީއެލް އާއެކު މިއަދު ފެށުނު މަސައްކަތަކީ މިކަމުގެ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތާގައި އެމްއޭސީއެލް ފަދަ ބޮޑެތި ކުންފުނިތައް މިކަމުގައި އެއްބާރުލުން ދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ އާތަިފް ވަނީ އެމްއޭސީއެލް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.