ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) ޕާޓީގެ ގިނަ މެންބަރުންތަކެއް އިސްތިއުފާ ދޭން ހުށަހަޅައިފިއެވެ.

ޕާޓީ އުފެއްދެވި ރައީސް މައުމޫނު ގެންގުޅުއްވި، އަސާސްތައް ފާއިތުވި ދުވަސް ތަކުގެ ތެރޭގައި ވަކި ބަޔަކު ބޭނުންވާ މަގުސަދުތަކެއް ހާސިލުކުރުމަށް ގެންގުޅޭ ހަތިޔާރަކަށް ހަދާފައި ކަމަށް ބުނެ ޖުމްލަ 11 މެންބަރުން ވަނީ އިސްތިއުފާ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ޕާޓިގެ ނާއިބު ރައީސް އަދި ތަރުޖަމާނުގެ އިތުރުން އެކްސްކޯ މެންބަރުން ހިމެނެއެވެ.

ސަރުކާރާއެކު ދެމިތިބޭނެ ކަމަށް ބުނެ ޕާޓީން ވަކިވާން ހުށަހަޅާފައި ވާ މެންބަރުންގެ ތެރޭގައި ޝަޒައިލް ޝިޔާމު، ތަޒްމީލް އަބްދުއްސަމަދު، މުހައްމަދު ރާއިދު، މުހައްމަދު ނަދީމް، އަފްރާތު އިބްރާހިމް، އިބްރާހިމް ފަރުހާދު، އަހުމަދު ސަފްވާން، އަބްދުލް ހަމީދު އަހުމަދު، މުހައްމަދު ފައިސަލް، އިސްމާއިލް ނާއިލް ނަޝީދު އަދި އަލީ ފަޒީލް އިސްތިއުފާ ދެއްވި މެންބަރުންގެ ތެރޭގައި ހިމެނެއެވެ.

މި ކަމާ ގުޅިގެން އެމްއާރުއެމްގެ ރަސްމީ ބަހެއް އަދި ލިބައެއް ލިބިފައި ނުވިނަމަވެސް ޕްރެސް ކޮންފްރެންސް އަކަށް ތައްޔާރުވަމުން ދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ޕާޓިގެ އިސް ގިނަ މެންބަރުންތަކެއް އިސްތިއުފާ ދޭން ހުށަހަޅާފައި ވާއިރު ޗާގޯސް މައްސަލައިގައި ރޭ އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއާރުއެމްގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވަނީ ބައިވެރިވެވަޑައިގެން އެމްއާރްއެމް ތަމްސީލު ކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ނާދިރާ ބައިވެރިވަޑައިގެންފައި ވަނީ އެ ޕާޓީގެ އެކްސްކޯއަށް ނާންގާ ކަމަށް ވެއެވެ. މީގެ އިތުރުންވެސް ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި އޮވެ، ޗާގޯސް މައްސަލާގައި ސަރުކާރާ ދެކޮޅަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމުން އިސްތިއުފާ ހުށަހެޅުއްވި މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްއާރްއެމް އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދު ކުރާނެ ވަކި ޕާޓީއެއް މިހާތަނަށް ކަނޑައަޅާފައި ނުވާއިރު އާ ދައުރަކަށް ކޯލިޝަން ހެދުމުގެ މަޝްވަރާ ބައްދަލުވުމެއް އެމްއާރްއެމް އަދި އެމްޑީޕީއިން ދާދި ފަހުން ވަނީ ބާއްވާފައެވެ. އަދި އެ ބައްދަލުވުމުގައި ކޯލިޝަން ހެދުމުގެ 5 ޝަރުތެއް އެެމްއާރްއެމް އިން ވަނީ ސަރުކާރަށް ހުށަހަޅާފައެވެ.

އެއާ ހިލާފަށް އަދާލަތު ޕާޓީއިން އެމްޑީޕީއާއެކު ކޯލިޝަންގައި ދެމިތިބޭނެ ކަން ހާމަކޮށްފައި ވާއިރު ޖުމްހޫރީ ޕާޓީން ވަނީ އަމިއްލައަށް ހަދާ ކޯލިޝަނަކާ އެކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައެވެ.