ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރައި ދިއުމުގެ އެއް އަސްލަކީ ނޫސްވެރިން ކަމަށާއި، ނޫސްވެރިންނަށް ލިބިފައިވާ މިނިވަންކަމުގެ ހައްގު ދެމެހެއްޓުމަށް ހުރިހާ ނޫސްވެރިން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، އަދުގެ ޑިމޮކްރަޓިކް މުޖުތަމައުގައި ނޫސްވެރިންގެ މިނިވަންކަމަށް ދީފައިވާ ސަމާލުކަމުގެ ސަބަބުން، ޑިމޮކްރަސީގެ ހަމަތައް ހިފެހެއްޓުމުގައި ގައުމުތަކުން ކުރި އެރުން ހޯދާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، ނޫސްވެރިންގެ އިސް ވާޖިބަކަށް ވާން ވާނީ:

  • އާންމުންގެ މެދުގައި ހަމަހަމަކަން ގާއިމްކުރުން
  • އާންމުންގެ ހައްގުތައް ހިމާޔަތްކޮށްދީ ރައްކާތެރިކުރުމަށް މަސައްކަތްކުރުން
  • ތެދު މައުލޫމާތު އާންމުންނާ ހަމައަށް ފޯރުކޮށްދިނުން
"ރައްޔިތުންގެ މެދުގައި ފަތުރާ މައުލޫމާތުގައި ދޮގާއި ޝައްކާއި ވަހުމާއި ޔޯލަތައް އެކުލެވިއްޖެ ނަމަ، ފަރުދީ އެތައް ހައްގެއް ގެއްލިގެން ދިއުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަން ފެށިތާ 30 އަހަރު މިއަދު ވެފައިވާއިރު، މި މުއްދަތުގައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި އެތައް މަސައްކަތްތަކެއް ކުރެވި، އެދެވޭ ނަތީޖާ އެއް ނެރެވިފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.

އެއާއެކު، ރައީސް ވަނީ، ރާއްޖެ އަށް ޑިމޮކްރަސީގެ މަގުގައި ލިބުނު ކުރިއެރުންތަކުގެ އެއް އަސްލަކީ ނޫސްވެރިން ކުރި މަސައްކަތް ކަން ފާހަގަކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ:

  • ގާނޫނީ އޮނިގަނޑުގެ ތެރެއިން އާންމުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުެ ބާރަކަށްވީ ނޫސްވެރިކަމުގެ ސަބަބުން އުފެދިގެން ދިޔަ ހޭލުންތެރިކަން ކަމަށް
  • އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އެ ހައްގުތަކަށް އެދި އާންމުން އުފުލަން ފެށި އަޑުތައް ކަމަށް

ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށްޓަކައި ހުރިހާ ނޫސްވެރިން މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެތެރެއިން ވެސް އެންމެ މަތިވެރި ޒިންމާއަކީ، ކޮންމެ ހާލަތެއްގައި ވިޔަސް އިތުބާރު ހުރި ތެދު މަޢުލޫމާތު ފެތުރުން، މިނިވަންކަމާއެކު ނޫސްވެރިކަން ކުރުމުގެ ހައްގު ލިބިފައިވާއިރު، އަނެކުންނަށް ލިބިގެންވާ އަބުރާއި އިއްޒަތް އަދި އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ހައްގު ރައްކާތެރިކޮށްދިނުމަކީ، ކޮންމެ ނޫސްވެރިއެއްގެ ޒިންމާއެއްކަމުގައި ހެޔޮހިތުން ގަބޫލުކުރަންޖެހޭ،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ޒަމާނީ ޓެކްނޮލޮޖީ އާއި އިންޓަނެޓުގެ ސަބަބުން ލިބުނު ލުއިފަސޭހަކަމާ އެކު، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުން ހިފުމުގެ ދާއިރާ ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަކުރާއިރު، މުޖުތަމައުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމުގައި ނޫސްވެރިން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އެގޮތުން، އިޖުތިމާއީ، އިގްތިސޯދީ، އަދި ސިޔާސީ ގޮތުން ގައުމަށް އަންނަ ބަދަލުތައް ސާފުކޮށްދީ، އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގައި ނޫސްވެރިންގެ ޒިންމާ ބޮޑުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނޫސްވެރިންނަށް ރައީސް ދެއްވީ، ނޫސްވެރިކަން ފުރިހަމަ މިނިވަންކަމުގައި ދެމެހެއްޓުމަށް، ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީން ކަމެވެ. ހަމަ އެހެންމެ ހިޔާލު ފާޅުކުރުމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އާންމުންނަށް ލިބިދޭކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީން ކަން ވެސް އެމަނިކުފާނު ދެއްވިއެވެ.