ނޫސްވެރިކަމުގެ މިނިވަންކަމަކީ މުޖުތަމައުގެ ސުލްހައިގެ ދަންމަރުގެ ގޮތުގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ސިފަކޮށްފިއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ނޫސްވެރިކަމުގެ އިންޑެކްސްގައި ދިވެހިރާއްޖެ މިހާރު އޮތީ 108 ވަނަ ދަރަޖައިގައި ކަމަށާއި މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު، ދަރަޖައަށް ބަދަލެއް އައިސްފައިވާ އަހަރެއް ކަމަށެވެ. މިކަމަށް ރިއާޔަތްކޮށް އެ ކޮމިޝަނުން ވަނީ ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ހާއްސަ އިސްކަމެއް ދޭކަމަށް ބަޔާންކޮށްފައެވެ.
މިއަހަރުގެ ނޫސްވެރިކަމުގެ ދުވަހުގެ ޝިއާރު ކަމަށްވާ “ސުލްހަވެރި މުސްތަގުބަލެއް ބިނާކުރުން: އިންސާނީ ހައްގުތަކާއި، ތަރައްގީ އާއި ސަލާމަތަށްޓަކައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުން” މި ޝިއާރަށް އަލިއަޅުވާލައި އެމްއެމްބީސީން ބުނީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ ހަމައެކަނި ލިޔެލާ ލިޔެލުމެއް ނޫން ކަމަށެވެ. އެއީ މުޖުތަމައުގެ ސުލްހައިގެ ދަންމަރު ކަމަށާއި، އިންސާނީ ހައްގުތަކުގެ ދިފާއީ އައްޑަނަ ކަމަށް އެ ބަޔާނުގައި ސިފަކޮށްފައިވެއެވެ. އަދި ނޫސްވެރިންނަކީ ދައުލަތް ޖަވާބުދާރީކުރުވައި، ރައްޔިތުން ބާރުވެރިކުރުވުމުގައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ހަތަރުވަނަ ބާރު ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި، އެމްއެމްބީސީގެ މަސައްކަތްތަކަށް އަލިއަޅުވާލައި، މީޑިއާގެ ސުލޫކީ މިންގަނޑެއް އެކުލަވާލާފައިވާކަމަށް ފާހަކޮށްފައިވެއެވެ. މީގެ އިތުރުން، މީޑިއާއާ ގުޅޭ އުސޫލުތަކާއި ގަވާއިދުތައް ހަދައި، މިނިވަން އަދި ބާރުވެރި މާހައުލެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކޮމިޝަނުން ހާމަކޮށްފައިވެއެވެ.
އެމްއެމްބީސީގެ ބަޔާނުގައި ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކޮށްދީ، އެ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ހޯދައިދީ، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމުގައި އެ ކޮމިޝަނުން ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.
