ކޮންމެ އަހަރެއްގެ މެއި މަހުގެ 3 ވަނަ ދުވަހަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. މިއީ ހަމައެކަނި ކަލަންޑަރުގައި ފާހަގަކޮށްލާ ދުވަހެއް ނޫނެވެ. މިއީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ތަނބު ކަމަށްވާ ނޫސްވެރިކަމުގެ ހައްގުގައި އަޑުއުފުލައި، މުޖުތަމައު ހޭލުންތެރިކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި، ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމާއި، ބާރުވެރި ފަރާތްތައް ޒިންމާދާރުކުރުވުމުގައި ނޫސްވެރިން އަދާކުރާ ދައުރަކީ އެއްވެސް މުޖުތަމައަކަށް އެއާ ނުލައި ކުރިއަށް ނުދެވޭނެ ފަދަ މުހިންމު ދައުރެކެވެ. ނަމަވެސް، މިނިވަންކަމާއެކު މި މަސައްކަތް ކުރުމަށް މިއަދު ވަނީ ބޮޑެތި ހުރަސްތަކަކާއި ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފައެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް) އިން 2026 ވަނަ އަހަރު ނެރެފައިވާ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްއިން ދައްކާ ގޮތުގައި، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން މިހާރު އޮތީ ފާއިތުވި 25 އަހަރުގެ ތެރޭގައި ނުދާހާ ދަށު ދަރަޖައެއްގައެވެ. ދުނިޔޭގެ 180 ގައުމެއްގެ ތެރެއިން 52.2 ޕަސެންޓް ގައުމު މިހާރު ގިންތިކުރެވިފައިވަނީ ނޫސްވެރިކަމަށް “އުނދަގޫ” ނުވަތަ “ވަރަށް ސީރިއަސް” ހާލަތެއް އޮތް ގައުމުތަކުގެ ގޮތުގައެވެ. މިއީ 2001 ވަނަ އަހަރު މި އިންޑެކްސް އެކުލަވާލަން ފެށިފަހުން މިހާ ގޯސް ނަތީޖާއެއް ފެނުނު ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، ނޫސްވެރިކަމުގެ ހާލަތު “ރަނގަޅު” ކަމަށް ބެލެވޭ ގައުމުތަކުގައި ދިރިއުޅެނީ ދުނިޔޭގެ އާބާދީގެ އެންމެ 1 ޕަސެންޓްއަށް ވުރެ މަދު މީހުންނެވެ. މި ތަފާސްހިސާބުތަކުން ސާފުކޮށްދެނީ، ހަގީގަތް ހާމަކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އޮތް މާހައުލު ދުވަހުން ދުވަހަށް ނުރައްކާތެރިވަމުންދާ ކަމެވެ.
ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2026 ވަނަ އަހަރުގެ މެއި މަހާ ހަަމައަށް އައިއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 18 ނޫސްވެރިއަކު ވަނީ މަރާލާފައެވެ. އަދި 470 އަށްވުރެ ގިނަ ނޫސްވެރިން ތިބީ ޖަލަށްލާފައެވެ. މީގެ އިތުރުން ފަލަސްތީނުގެ ގާޒާއަށް އިންސާނީ އެހީ ހިފައިގެން ދިޔަ “ގްލޯބަލް ސުމޫދު” ބޯޓުގައި ތިބި ނޫސްވެރިންތަކެއް އިސްރާއީލު ސިފައިން ވަގަށް ނެގި މައްސަލަ ސީޕީޖޭއިން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ޖިސްމާނީ އަނިޔާތަކުގެ އިތުރުން، ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ނޫސްވެރިންނަށް، ހާއްސަކޮށް އަންހެން ނޫސްވެރިންނަށް ކުރިމަތިވާ ފުރައްސާރައާއި ބިރުދެއްކުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. ސީޕީޖޭއިން ފާހަގަކޮށްފައިވާ ގޮތުގައި، އަންހެން ނޫސްވެރިންނަށް އޮންލައިންކޮށް އަންނަ އިންޒާރުތަކާއި ޖިންސީ ފުރައްސާރައިގެ ސަބަބުން، ގިނަ ބަޔަކު ވަޒީފާއާ ދުރަށް ދިޔުމަށް މަޖުބޫރުވެއެވެ.
ނޫސްވެރިންނަށް ކުރިމަތިވާ ނުރައްކާތައް ހާމަކޮށްދޭ ބޮޑެތި ހާދިސާތަކުގެ އަސަރު އަދިވެސް ފިލައިގެން ނުދެއެވެ. 2018 ވަނަ އަހަރު ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމާއި، 2017 ވަނަ އަހަރު މޯލްޓާގެ އިންވެސްޓިގޭޓިވް ނޫސްވެރިޔާ ޑެފްނީ ކަރޫއާނާ ގަލީޒިއާ އަވަހާރަކޮށްލުމަކީ މުޅި ދުނިޔެ ސިއްސުވާލި ކަންކަމެވެ. މިފަދަ ހަމަލާތަކުގެ އިތުރުން، ގާނޫނީ ނިޒާމުގެ ތެރެއިން ނޫސްވެރިންނަށް ދެމުންދާ ފިއްތުންތަކުގެ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލަކީ ފިލިޕީންސްގެ ނޯބެލް އިނާމު ހާސިލުކޮށްފައިވާ ނޫސްވެރިޔާ މާރިއާ ރެސާއަށް ކުރިމަތިވި ކަންތައްތަކެވެ. ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭގެ ސަރުކާރުން އޭނާއާ ދެކޮޅަށް 23 ދައުވާއެއް އުފުލިއެވެ. މީގެ ތެރޭގައި ޓެކްސްއަށް މަކަރުހެދުމާއި ބޭރުގެ ފަރާތްތަކަށް މީޑިއާގެ ހިއްސާ ދިނުމުގެ ދައުވާތައް ހިމެނެއެވެ. ނަމަވެސް، 2026 ވަނަ އަހަރާ ހަމައަށް އައިއިރުވެސް، ސައިބާ ލައިބަލް ނުވަތަ އޮންލައިންކޮށް އަބުރާ ބެހުމުގެ ކުށުގައި އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލަ ފިލިޕީންސްގެ ސުޕްރީމް ކޯޓުގައި އަދިވެސް އޮތީ އިސްތިއުނާފު މަރުހަލާގައެވެ. ގިނަ ގައުމުތަކުގައި ގައުމީ ސަލާމަތާ ބެހޭ ގަވާއިދުތަކާއި ޓެރަރިޒަމާ ދެކޮޅު ގާނޫނުތައް ބޭނުންކޮށްގެން ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމަކީ މިހާރު އާންމު ކަމަކަށް ވަނީ ވެފައެވެ.
ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލަށް ބަލާއިރުވެސް، ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. 2014 ވަނަ އަހަރު ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި، 2017 ވަނަ އަހަރު މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ތާރީހުގައި ލިޔެވިފައިވާ އެންމެ ކަޅު ސަފުހާތަކެވެ.
މީގެ އިތުރުން، ރާއްޖޭގައި މިވަގުތުވެސް ނޫސްވެރިންނަށް ގާނޫނީ އަދި ސިޔާސީ ފިއްތުންތައް ކުރިމަތިވަމުންދާކަން ފަހުގެ ހާދިސާތަކުން ސާބިތުވެއެވެ. 27 އޭޕްރީލް 2026 ގައި ދިވެހި ފުލުހުން ވަނީ މިނިވަން އޮންލައިން ނޫހެއް ކަމަށްވާ “އަދަދު” ގެ އޮފީހަށް ވަދެ، އެތަނުގެ ބައެއް އާލާތްތައް ހިފަހައްޓައި، އެ ނޫހުގެ ސީއީއޯ އާއި މެނޭޖިން އެޑިޓަރު ފުރައިގެން ދިޔުން މަނާކޮށްފައެވެ. މި ފިޔަވަޅު އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާއާ ގުޅޭގޮތުން ތުހުމަތުތަކެއް ކުރެވުނު “އައިޝާ” ނަމަކަށް ކިޔާ ޑޮކިއުމެންޓްރީއެއް އެ ނޫހުން އާންމުކުރުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ސީޕީޖޭގެ އޭޝިއާ ޕެސިފިކް ޕްރޮގްރާމް ކޯޑިނޭޓަރު ކުނާލް މަޖުމްދަރު ވިދާޅުވި ގޮތުގައި، ދީނީ އަދި ގައުމީ މަސްލަހަތުގެ ނަމުގައި ތަހުގީގީ ނޫސްވެރިކަން ކުށްވެރިކުރުމަށް މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ދީނީ ގާނޫނުތައް ބޭނުންކޮށްގެން މީޑިއާގެ ގަވާއިދުތަކުގެ ބޭރުން އަމަލުކުރުމަކީ ނުރައްކާތެރި އާދައެއް ކަމަށާއި، ދައުލަތުގެ އިދާރާތައް ޒިންމާދާރުކުރުވުމުގެ ފުރުސަތު ނޫސްވެރިންނަށް ދޭންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަކީ ކޮންމެހެން ބޭނުންތެރި އެއްޗަކަށް ވާއިރު، އެ މިނިވަންކަން ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކުގައެވެ. ނޫސްވެރިންނަކީ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރާ، ދޮގު މައުލޫމާތު ފެތުރުމުން ދުރުހެލިވާ، އަދި ރިޕޯޓްކުރުމުގައި އަހުލާގީ މިންގަނޑުތަކަށް ތަބާވާ ބަޔަކަށް ވާންޖެހެއެވެ. ޒިންމާދާރު ނޫސްވެރިކަމުގެ ސަބަބުން އާންމުންގެ އިތުބާރު ބިނާވެ، މީޑިއާގެ އަގުވަޒަންކުރުން ވަރުގަދަވެގެންދެއެވެ. ނަމަވެސް، މި ޒިންމާ އަދާކުރެވޭނީ ބިރުވެރިކަމެއް ނެތި މަސައްކަތްކުރެވޭނެ މާހައުލެއް ދައުލަތުން ކަށަވަރުކޮށްދީގެންނެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަކީ ހަމައެކަނި މާޒީގެ ހާދިސާތައް ހަނދާންކުރާ ދުވަހަކަށް ވެގެން ނުވާނެއެވެ. މިއީ މުޅި މުޖުތަމައު ގުޅިގެން ނޫސްވެރިންގެ ހިމާޔަތުގައި ތެދުވާންވީ ވަގުތެވެ. ރާއްޖޭގައި ނޫސްވެރިންނަށް އަމާޒުކޮށް ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ އިންސާފު އަދިވެސް ނުލިބި އޮތުމާއި، ފަހަކަށް އައިސް މީޑިއާތަކަށް ކުރިމަތިވަމުންދާ ފިއްތުންތަކަކީ، ޑިމޮކްރެޓިކް މުސްތަގުބަލަކަށް އޮތް ބޮޑު ހުރަހެކެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަށަވަރުކޮށްދީ، ނޫސްވެރިންނަށް އަނިޔާކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ސަރުކާރުތަކުގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު އެއް ޒިންމާއެވެ.
