ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހައްގާއި ކަރާމާތައް އުނިކަމެއް ލިބޭނެ ފަދަ އެއްވެސް ކަމެއް ޖަލުގައި ކޮށްފައި ނުވާނެ ކަމަށް ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިގޮތަށް ވިދާޅުވެފައިވަނީ ޔާމީން ހުންނެވި ޖަލުގައި ބޭނުން ކުރަމުންދާ ފާހަނާގައި ކެމެރާ ހަރުކޮށްފައި ހުރި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.
ރޭ ޕީޕީއެމް އޮފީހުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ފާހަނައިގެ އިތުރުން ސިޓިން ރޫމާއި ކޮޓަރި އަދި އެމަނިކުފާނަށް ހާއްސަކޮށްފައިވާ "ހޯލް" ގައި ވެސް ވަނީ ކެމެރާތައް ހަރުކޮށްފައިވާ ކަމަށެވެ. އަދި މިއަށް ވުރެ އަނިޔާވެރި ސަރުކާރެއް، ރާއްޖޭގެ ރައްޔިތުން ދެކިފައި ނުވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަދި ޔާމީންގެ ސިއްހީ ހާލަތަށް ރިއާޔަތް ކޮށް ގެއަށް ބަދަލު ކޮށްދިނުމަށް އާއިލާ އިން ތަކުރާރުކޮށް އެދިފައިވީ ނަމަވެސް އެކަންވެސް ކޮށްދީފައި ނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެކަމަށް ރައްދު ދެއްވަމުން އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، "ޖަލުގައި މިހާތަނަށް އެންމެ ގިނަ ހިދުމަތް ދެވުނު ގައިދީއަކަށް ވާނީ ޔާމީން ކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށްވެސް އެނގިވަޑައިގަންނަވާނެ." ކަމަށެވެ. އަދި ޔާމީންގެ އިންސާނީ ހައްގުތަކާއި ކަރާމާތައް އުނިކަން ލިބޭނެ އެއްވެސް ކަމެއް ކުރުމަކީ އޭނާގެ ޞަމީރު ތަންދެން ކަމެއް ނޫން ކަމަށް އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ މުއްދަތަކަށް ޔާމީން ހުންނެވީ ޖަލިު ހުކުމެއްގައެވެ. އަދި ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދަނީ މާފުށީ ޖަލުގެ ސްޕެޝަޕް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ) ގައި ކަމަށް މީގެ ކުރިން ކަރެކްޝަން އިން ވަނީ ބުނެފައެވެ.