މަގުމަތީ ހިނގާ އެކްސިޑެންޓްތައް ފުލުހަށް ހުށަހެޅުމަކީ ގާނޫނީ ޒިންމާއެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތުން މިހެން ބުނެފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ކާރުކޮޅުގައި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓް ފުލުހަށް ހުށަހެޅުމުގެ ބަދަލުގައި ސީންއަށް އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) ވަޑައިގެން ޕިކަޕް ދުއްވި މީހާއަށް މައާފް ކޮށްދިނުމަށް އިމްރާންގެ ކިބައިން އެދިވަޑައިގަތުމާއެކުއެވެ.
އިއްޔެ ހިނގި މި ހާދިސާގެ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު އިމްރާން މާފުކޮށް ނުދެއްވާނަމަ ކާރަށް ލިބުުނު ގެއްލުމަށް އިންމު ޒިންމާ ވާނެ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
އެކަމާ ގުޅިގެން އަދާލަތު ޕާޓީން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އިމްރާން ދަތުރުކުރައްވަމުންދިޔަ ކާރުގައި ޕިކަޕެއް ޖެހި އެކްސިޑެންޓް ހިނގުމުން އިމްރާނާއި އޭނާގެ އަނބިކަނބަލުން ފާތިމަތު ޔުމްނާއާއި ޕިކަޕް ޑްރައިވަރު މަޑުކޮށްގެން މަގުމަތީގައި ހުންނެވީ ސީނަށް ފުލުހުން ހާޒިރު ވަންދެން ކަމަށެވެ.
އަދި އެ ވަގުތު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް އެތަނަށް ހާޒިރުވެ, އިމްރާން އަށް ނިސްބަތްކޮށް ދޮގު ތުހުމަތުކުރުމުގެ އިތުރުން ޕިކަޕް ޑްރައިވަރަށް ނިސްބަތްކޮށް ނިކަމެތި ބަސް ބޭނުންކޮށް ސޯޝަލް މީޑިއާގައި ޕިކަޕް ޑްރައިވަރާއި އިމްރާން ފަލީހަތްކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށް އެ އަމަލު އެ ޕާޓީން ވަނީ ކުށްވެރިކޮށްފައެވެ.
"މަގުމަތީގައި ހިނގާ އެކްސިޑެންޓްތަށް ފުލުހަށް ރިޕޯޓް ކުރުމުގެ ގާނޫނީ ޒިންމާއެއް އޮތްއިރު މި ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ މެންބަރަކު ހުރަސް އެޅުއްވުމާއި, ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ފަރާތްތަކަށް މަގުމަތިން ދިމާކޮށް އާޑަފުރައްސާރަ ކުރުންފަދަ ކަންކަމަކީ, ގާނޫނު ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކަށް ދަތިވާނެ އަދި މުޖުތަމައުގެ މަސަލަސްކަން ގެއްލުމަށް މެދުވެރިވެދާނެ ފަދަ ކަންކަމެވެ." އަދާލަތު ޕާޓީގެ ޕޯސްޓްގައި ލިޔެފައިވެ އެވެ.
އަމިއްލައަށް ގާނޫނު ތަންފީޒުކުރަން އުޅުމާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ހުރަސް އެޅުމަކީ އާންމު ރައްޔިތުންގެ ކިބައިންވެސް އަދި ވަކިން ހާއްސަކޮށް ގާނޫނު ހެދުމުގެ ޒިންމާ ހަވާލުކުރެވޭ މެންބަރެއްގެ ކިބައިން ފެނިގެންވާނެ ސިފައެއް ނޫން ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.