ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ އަވަހާރަވީ ނޫން ކަމަށާއި، ޝަހީދުކޮށްލީ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މީގެ 7 އަހަރު ކުރިން އަވަހާރަވި އަބްދުލްމަޖީދު ޝަހީދު ކޮށްލާފައި ވާކަމަށް ތުހުމަތުކޮށް މިއަދު އެކްސްގައި އިމްރާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަބްދުލްމަޖީދުގެ ކުއްލި މަރާ ގުޅިގެން މިއޮތް ހާ ދުވަހު ހިތުގައި އުފެދިފައިވާ ޝައްކު މިހާރު ޔަގީންވާ ހިސާބައް އަތުވެއްޖެ ކަމަށެވެ.

"އާނއެކެވެ، ޑޮކްޓަރ މަޖީދު ބަޔަކު ޝަހީދުކޮށްލީއެވެ." އިމްރާންގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އިސްލާހީ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރެއްވި ދީނީ އިލްމްވެރިޔާ އަދި ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އަވަހާރަވީ މެއި 22، 2018 ގައެވެ. ސްރީލަންކާގައި ހުންނަވަނިކޮށް، ސްޓްރޯކެއް ޖެހިވަޑައިގެން ވެއްޓިވަޑައިގަތުމުން ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އެމަނިކުފާނު އަވަހާރަވީ އުމުރުފުޅުން 55 އަހަރުގައެވެ.

ރާއްޖޭގެ އިސްލާހީ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރެއްވި، އަބްދުލްމަޖީދު އަވަހާރަވިތާ 7 އަހަރުވެފައިވާއިރު، މީގެ ކުރިން މިފަދަ އެއްވެސް ތުހުމަތެއް އެއްވެސް ފަރާތަކުން ކޮށްފައެއް ނެތެވެ.

އިމްރާނަކީ މީގެ ކުރިންވެސް ސިޔާސީ ޕޯޑިއަމްގައި އެކިއެކި ފަރާތްތަކަށް ތުހުމަތު ކުރެއްވުމުގެ މާޒީއެއް އޮތް ބޭފުޅެކެވެ. އެގޮތުން ސަރުކާރާ ދެކޮޅަށް 2015 ވަނަ އަހަރު ބޭއްވި “މޭޑޭ މުޒާހަރާ” ގައި އިމްރާން ވަނީ އޭރު މިނިވަން ނޫހުގެ ނޫސްވެރިއެއް ކަމަށް ވާ އަހުމަދު ރިޟްވާން ގެއްލުވާލުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ބައިވެރިވުން އޮތްކަމުގެ ހެކި ހުރި ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި އަތަށް ކަރުދާސް ބޮނޑިއެއް ލައްވައިގެން އޭނާގެ އަތުގައި ހެކި ހުރިކަމަށް ދޭހަވާ ގޮތަށް ވަނީ ވާހަކަ ދައްކަވާފައެވެ.

ނަމަވެސް 2020 ގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް އިމްރާން ހާޒިރު ކުރުމުން ވިދާޅުވީ، ރިޟްވާންގެ މައްސަލާގައި ހުރި ކަމަށް ބުނާ ހެކިމޭޑޭ މުޒާހަރާއަށް ފަހު ފުލުހުން ގެންދިޔައީ ކަމަށެވެ.

ނަމަވެސް ޖެހިގެން އައި ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ރިޟްވާންގެ މައްސަލައިގައި ރައީސް ޔާމީނާ ގުޅުވައިގެން ދެއްކި ކަރުދާސްތަކަކީ އޭގެ އަސްލެއް ނޫން ކަމަށާއި އެ ކަރުދާސްތަކުގެ އަސްލު ވާންޖެހޭ ތަނެއްގައި ވާނެ ކަމަށެވެ.

އިމްރާން އޭރު ވިދާޅުވީ މޭޑޭގައި އޭނާ ދެއްކެވި ވާހަކަތައް ގިނަ ރައްޔިތުން މިހާރު ހަނދާން ނެތް ކަމަށާއި އެ ދުވަހު އެއްވެސް މީހަކަށް ތުހުމަތުކޮށް ވާހަކަ ދައްކާފައި ނުވާނެ ކަމަށެވެ. އަދި އެދުވަހު ހަމަ އެކަނި ވިދާޅުވީ، ރިޟްވާން އަދި އަފްރާޝީމްގެ މައްސަލައަށް ވީގޮތް އޭރުގެ ވެރިންނަށް އެނގޭނެ ކަމަށް ކަމަށާއި އެދުވަހު ދެއްކި ހުރިހާ ވާހަކައެއް ހަނދާނުގައި ހުރި ކަމަށެވެ.