އޮފީސްތަކުގެ މެދުގައި ބާއްވާ އިންޓަ އޮފީސް ވޮލީ މުބާރާތުގައި އާބަންކޯ އިން މިރޭ އެމްޕީއެލާ ވާދަކުރާނެއެވެ.

މިއަދުން ފެށިގެން މި މަހުގެ 15 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތަށް އާބަންކޯ އިން ވަނީ ގައުމީ ވޮލީބޯޅަ މުބާރާތުގައި ހިމެނޭ ބައެއް ކުޅުންތެރިން ހިމެނޭހެން ވަރުގަދަ ޓީމެއް އެކުލަވާލާފައެވެ.

ކްލަބް އާބަންކޯ ގެ 14 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބައެއް ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމްގެ ކުރީގެ ސެޓަރު އަދި ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) އާއި، މިޑްލް ބްލޮކަރު އާދަމް ފައިރޫޒްގެ އިތުރުން، ބީޗް ވޮލީ ގޯލްޑް މެޑަލިސްޓް އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) އަދި ބީޗް ވޮލީ ކުޅުންތެރިޔާ ޝަމާއިލް ހުސައިން ހިމެނެއެވެ.

އެ ކުންފުނީގެ ފަރާތުން ވާދަކުރާ ޓީމްގެ ކޯޗަކީ ގައުމީ ޓީމްގެ ކޯޗު މުހައްމަދު ސާޖިދު (ބޮޑު ކާއްޓޭ) ކަމަށެވެ.

މިއަދު ފެށި އިންޓަ-އޮފީސް ވޮލީ މުބާރާތުގައި އާބަންކޯ އިން ގްރޫޕް ސްޓޭޖުގައި ހަތަރު މެޗެއް ކުޅޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި އާބަންކޯ އިން ކުޅޭނީ ތިރީގައިވާ ކްލަބްތަކާ ދެކޮޅަށެވެ.

  • އެމްޕީއެލް (މިރޭ)
  • އެމްއޭސީއެލް (ބުދަ ދުވަހު)
  • ޕޮލިސް ކްލަބް (ބުރާސްފަތި ދުވަހު)
  • ސްޓެލްކޯ (ހޮނިހިރު ދުވަހު)

އާބަންކޯ އަކީ އިންޓަ-އޮފީސް ވޮލީ މުބާރާތުގެ އެއް ޕާޓްނަރު ކަން ފާހަގަކޮށްލެވެއެވެ.