މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026" މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
އެމްއެންޔޫ ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެމްޓީސީސީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައުދީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީ ސައުދީ ވަނީ، ޕްރޮގްރާމްގެ ހުރިހާ ބައިވެރިންވެސް މި ލިބުނު މުހިންމު ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، ކުންފުންޏަށާއި މުޖުތަމައަށް އަދި ގައުމަށް ބޭނުންތެރި ބަޔަކަށްވުމަށް ވަރުބަލިކަމެއް ނެތި މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.
މިކަމާ ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އަހަރުގެ ޕްރޮގްރާމަށް އެކި ދާއިރާތަކުން 56 ބައިވެރިން ހޮވިފައިވާކަމަށާއި، މިއީ 3 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއްކަމަށެވެ.
ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު -/8,000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާކަމަށާއި، މި އަހަރުގެ ޕްރޮގްރާމްގެ ދަށުން 14 ދާއިރާއަކުން ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މިއީ މި ޕްރޮގްރާމް ފެށުނުފަހުން އެންމެ ގިނަ ދާއިރާތަކުން ފުރުސަތު ފަހިކޮށްދެވުނު ފަހަރުކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމްގެ ދަށުން ތަމްރީނު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި މެރިން މެކޭނިކް، މެކޭނިކް، ވެލްޑާ، ޓިންކާ، ފައިބަގްލާސް ޓެކްނީޝަން، އޮޓޯމޮބައިލް މެކޭނިކް، އޮޓޯމޮބައިލް އޭސީ މެކޭނިކް، އޮޓޯމޮބައިލް އިލެކްޓްރީޝަން، އިލެކްޓްރީޝަން، މެޝިނިސްޓް، އޭސީ ޓެކްނީޝަން، ބަސް ޑްރައިވަރު، ޓެކްސީ ޑްރައިވަރު އަދި ޕްރޮޖެކްޓް އޮފިސަރުގެ މަގާމު ހިމެނޭކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ އެކުންފުނީގެ އަމާޒަކީ ދިވެހި ޒުވާނުން ބާރުވެރިކުރުވާ، މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުވެރިން އުފެއްދުމުގެ ގައުމީ މަސައްކަތުގައި ދެމިއޮތުން ކަމަށެވެ.
