މެލޭޝިއާގެ ނިއު ބަންޑީ އެކްސްޕްރެސްވޭ (އެންޕީއީ) ގައި ރޭ ހިނގި ނުރައްކާތެރި މަގުމަތީ އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެފައިވާއިރު އެކްސިޑެންޓުވި ކާރު ދުއްވަން އިން ޑްރައިވަރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަން ހާމަވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ސ. ހިތަދޫ، އުމުރުން 21 އަހަރުގެ އާމިނަތު އިމީލީ ނާޒިމެވެ.
މެލޭޝިއާގެ ސުބަންގް ޖާޔާ ޑިސްޓްރިކްޓް ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު ވަން އަޒްލާން ނެރުއްވި ބަޔާނެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ގާތްގަނޑަކަށް 8:48 ހާއިރު، އެންޕީއީގެ ޕީޖޭއެސް ޓޯލް ޕްލާޒާ ކައިރިން ޕުޗޮންގްއާ ދިމާލަށް ދަތުރުކުރަނިކޮށެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، އިމީލީ ނިޔާވީ މޯލްއަކަށް ދިއުމަށްފަހު އެނބުރި ގެއަށް ދިޔަ މަގުމަތީގައެވެ. އެގޮތުން 34 އަހަރުގެ މީހަކު ދުއްވި ޕްރޮޓޯން އެސް70 މަރުކާގެ ކާރެއްގައި ފަހަތުން އައި ކާރެއް ކޮންޓްރޯލުން ނެއްޓި ބާރަށް ޖެހުނުކަމަށް ފުލުހުންގެ ތަހުގީގުން ވަނީ ހާމަވެފައެވެ.
އެ ކާރުގައި ދަތުރުކުރަމުން ދިޔައީ ކްލަންގް ވެލީގެ އަމިއްލަ ކޮލެޖެއްގައި ތައުލީމު ހާސިލުކުރަމުންދިޔަ ދިވެހި ދެ އަންހެން ދަރިވަރުންނެވެ. އެކްސިޑެންޓާއެކު ކާރުގެ އެތެރޭގައި ތާށިވި އިމީލީއަށް ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ދިނުމަށް މަސައްކަތް ކުރި ނަމަވެސް، ހާދިސާ ހިނގި ތަނަށް އޭނާ ނިޔާވެފައިވާ ކަމަށް ވަނީ ބުނެފައެވެ.
ފުލުހުން ދެ ކާރުގެ ޑްރައިވަރުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރިއިރު، އެކްސިޑެންޓްވި ޓެކްސީ ދުއްވަން އިން ޑްރައިވަރު ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން (މެތު) އަށް ޕޮޒިޓިވްވެފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެއާއެކު މައްސަލަ ތަހުގީގު ކުރުމަށް އެ ފަރާތް 4 ދުވަހު ހައްޔަރުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
