ހުޅުމާލެ ފޭސް 1 ގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އާންމުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ހުއްޓުވައި ޓޯކޮށް، ފިޔަވަޅު އަޅައިފިއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ރޭ ދަންވަރު 2:30 އެހާއިރު ކަމަށެވެ. ހުޅުމާލެ ފޭސް 1 ދިއްގާމަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ދެ ސައިކަލެއް މަޑުކުރުމަށް ފުލުހުން އެންގުމުން، އަމުރަށް ނުކިޔަމަންތެރިވެ އިތުރަށް ބާރު ސްޕީޑުގައި ފިލަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެގޮތުން ނިރޮޅުމަގު 10 ނަންބަރު ގޯޅިއަށް އަޅައި، އެ މަގުން ހުޅަނގަށް ގޮސް ނިރޮޅުމަގަށް އަރައި އުތުރުން ދެކުނަށް ޒިގްޒެގްކޮށް، ނުރައްކާތެރިކޮށް އޯވަޓޭކް ކުރަމުން ދަނިކޮށް، ފުލުހުންގެ ޕެޓްރޯލް ޓީމުން ވަނީ އޭގެ ތެރެއިން އެއް ސައިކަލު ނިރޮޅުމަގު 11 ނަންބަރު ގޯޅި ކައިރިން ވަނީ ހުއްޓުވާފައެވެ.
އެ ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައެވެ. އަދި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައިވާތީ އެ ސައިކަލު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ހުޅުމާލޭގައި ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯ ކުރިއިރު، ދާދި ފަހުން ވަނީ މަސްތުގެ ހާލަތުގައި ހުރެ އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވައި، ފުލުހުން މަޑުކުރަން އެންގުމުން ފިލަން މަސައްކަތް ކުރި މީހަކު މާލެއިން ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ހައްޔަރުކުރީ ކ. މާފުށި ސްނޯސްކައި، އަހުމަދު ފާރިޒް 26، އެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ފާރިޒަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވެފައިވާ މީހެކެވެ.
އެގޮތުން، އޭނާ 44،000ރ. ގެ ޓްރެފިކް ޖޫރިމަނާ ނުދައްކާ އޮތްއިރު، ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މަގުމަތީގެ ޓްރެފިކް އާންމު އުސޫލުތަކާއި ގަވާއިދުތަކާ ތަކުރާރުކޮށް ހިލާފުވާ ފަރާތްތަކާމެދު ހާއްސަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ފުލުހުން ވަނީ ނިންމާފައެވެ. މިފަދަ ނިންމުމެއް ނިންމާފައިވާއިރު ބާރު ސްޕީޑްގައި އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސައިކަލް ދުއްވުމަކީ މާލެ ސަރަަހައްދުގައި މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އެގޮތުން ދާދި ފަހުން ވަނީ ސޯސަންމަގުގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާން އަންހެނަކު ނިޔާވެފައެވެ.
އެނގިފައިވާ ގޮތުގައި ބާރު ސްޕީޑްގައި އެ ސައިކަލް ދުއްވި މީހާ އަތުގައި ލައިސަންސް ނެތްއިރު، އޭނާ ވަނީ މީގެ ކުރިން އެތައް ފަހަރަކު ފުލުހުން ހިފަހައްޓައި ޖޫރިމަނާވެސް ކޮށްފައެވެ.
