ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ރާއްޖެއަށް ބައެއް ލިބޭގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމުމާ ގުޅިގެން، ރާއްޖެއަށް ލިބުނު ސަރަހައްދުގައި އިގްތިސާދީ ގޮތުން ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ސަރުކާރުން ބަލާނެކަމަށް އިކޮނޮމިކް މިނިސްޓާ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ހުކުމް ކޮށްފައި ވާއިރު، އެކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ، އެ ސަރަހައްދުގައި އިގްތިސާދީ މަސައްކަތެއް ކުރުމުގެ ފުރުސަތު އަދި ކިރިޔާ ލިބުނީ ކަމަށާއި، 12 މޭލު ބޭރުން ސަރަހައްދެއް އިއްޔެ ލިބުނު 200 މޭލުގެ އިގްތިސާދީ ސަރަހައްދުގައި މައުދަނެއް ހުރިނަމަ އެކަންވެސް ބައްލަވާނެ ކަމަށެވެ.
އޭގެ އިތުރުން، ހާއްސަ އިގުތިސާދީ ސަރަހައްދު (އީއީޒެޑް) ކަނޑައެޅިފައި އޮތީ އުތުރުގައިކަން ފާހަގަ ކުރައްވާ ފައްޔާޒު ވިދާޅުވީ، އެހެން ވުމުގެ ސަބަބުން ދެކުނުގައި 24 މޭލާ ހިސާބަށް، މިއަދާ ހިސާބަށް ކޮންމެ ގައުމަކުން އައިސް އެތަނުގައި ދާ ވެސް އެޅޭ ކަމަށެވެ. އެކަމުގައި އޭރު ރާއްޖެއަށް ކުރެވޭނެ ކަމެއް ނެތްކަމުގައިވީ ނަމަވެސް، މިހާރު ރާއްޖޭގެ ހުއްދަ ބޭނުންވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އިއްޔެ އިޓްލޮސްގައި ނިމި ދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެއަށް ވަނީ 47،232 އަކަ ކިލޯމީޓަރު، އަދި މޮރިޝަސް އަށް 45،331 އަކަ ކިލޯމީޓަރު ލިބިފައެވެ. އެއީ ރާއްޖެއަށް 135 ނޯޓިކަލް މޭލެވެ.
މޮރިޝަސް އާއި ރާއްޖެ އާާ ދެމެދު ކަނޑުގެ ސަރަހައްދުގެ މައްސަލަ ކުރިމަތިވީ ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިން މީގެ ކުރިން ކަނޑައެޅުމުންނެވެ. އައިސީޖޭ އިން އޭރު އެގޮތަށް ނިންމީ ޗާގޯސް އަކީ މޮރިޝަސްގެ އިހްތިސާސް އޮތް ތަނެއްތޯ ބެލުމަށް ލަފައަކަށް އެ ގައުމުން ހުށަހެޅުމުން ސެޕްޓެމްބަރު 2019 ގައެވެ.
އޭރު ވެސް އަދި މިހާރުވެސް ޗާގޯސްގެ މައްޗަށް ބާރު ހިންގަނީ އިނގިރޭސިވިލާތުންނެވެ. އައިސީޖޭގެ 2019 ވަނަ އަހަރުގެ ނިންމުމުގައިވާ ގޮތުން، ޗާގޯސް ރަށްތަކުގެ މައްޗަށް އިނގިރޭސިވިލާތުން ބާރު ހިންގުމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެކެވެ.
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހިމެނޭ ކަނޑުގެ ސަރަހައްދަކީ ދެކުނުގެ މަސްވެރިން، ހާއްސަގޮތެއްގައި އައްޑޫގެ މަސްވެރިންގެ މަސްވެރިކަމަށް ވަރަށް މުހިންމު ސަރަހައްދަކަށް ވުމާއެކު، އެ ސަރަހައްދު އެހެން ބަޔަކަށް ދޫކޮށްލުމަށް އެއްބަސްވުމަކީ ރާއްޖޭގެ މަސްވެރިންނަށް ފޫނުބެއްދޭވަރުގެ ގެއްލުމަކަށް ވާނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ރާއްޖެއަށް ލިބުނު ބައޭ ކިޔައިގެން އަދިވެސް އޮޅުވާ ލެވޭތޯ މި އުޅެނީ. މަކަރުވެރިކަމުގެ ހައްދު ފަހަނާ ގޮސްތިބި ބަޔަކަށް ޤައުމަށް ކޮށްދެވޭ ކަމެއް އޮންނާނެބާ.