ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލަ ދިވެހި ދައުލަތުން ވަކާލާތު ކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައެއް ލިބޭ ގޮތަށް އިން ކަނޑައެޅިގެން ދިއުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އިޓްލޮސްގައި ރާއްޖެ ތަމްސީލް ކުރެއްވި އެޓާނީ ޖެނެރަލްގެ ލީގަލް ޓީމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އެމްޑީޕީން ބުނީ، އިޓްލޮސްގައި ކުރިއަށް ދިޔަ މައްސަލާގައި ރާއްޖޭގެ ފަރާތުން ދިވެހި ސަރުކާރުން ނަގަހައްޓާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށެވެ. ރާއްޖޭގެ އިގްތިސޯދި އަދި ސަލާމަތީ މަސްލަހަތު ބެލެހެއްޓުމުގެ ފުރިހަމަ އިހްތިޔާރާއި ގާނޫނީ ބާރު ދިވެހި ދައުލަތަށް ލިބި ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިގެން ދިއުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެ ޕާޓީން ބުނެއެވެ.
މި މައްސަލާގައި ސަރުކާރުން ރާއްޖޭގެ މަސްލަހަތު ދިފާއުކުރަމުން ދިޔައިރު، ސިޔާސީ އިދިކޮޅު ފަރާތްތަކުން ދިޔައީ ހަގީގަތާ ހިލާފު އަސްލެއް ނެތް އަދި ރާއްޖޭގެ ތާރީހުން ވެސް ފެންނަން ނެތް ވާހަކަތައް ފަތުރައި ފިތުނަ އުފައްދައި މަސްލަހަތު ނަގާލަން މަސައްކަތް ކުރަމުން ކަމަށް އެމްޑީޕީން ބުނެއެވެ. ދިވެހިރާއްޖޭގެ ސަރަހައްދު ބައިނަލްއަގުވާމީ ހަމަތަކާއި މިންތަކާއި އެއްގޮތަށް ކަނޑައަޅައި ބައިގަރުނަށް ވުރެން ގިނަ ދުވަސްވީ މި މައްސަލަ ނިމި ދިވެހިރާއްޖޭގެ ސަރަހައްދު ކަނޑައެޅިގެން ދިއުމަކީ އުފާވެރިކަމާއެކު ބަލައިގަންނަ ކަމެއް ކަމަށް އެ ޕާޓީން ބުނެއެވެ.
އިއްޔެ އިޓްލޮސްގައި ނިމި ދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެއަށް ވަނީ 47،232 އަކަ ކިލޯމީޓަރު، އަދި މޮރިޝަސް އަށް 45،331 އަކަ ކިލޯމީޓަރު ލިބިފައެވެ. އެއީ ރާއްޖެއަށް 135 ނޯޓިކަލް މޭލެވެ.
މި ނިންމުމާ ގުޅިގެން ރާއްޖެއަށް ކަނޑުގެ ބައެއް ގެއްލޭ ކަމަށް ބައެއް މީހުން ވާހަކަ ދައްކަމުން އަންނަ އިރު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޗާގޯސް އާއި ރާއްޖެ އާ ދެމެދު އިން ވަކިކޮށް ނިންމި ގޮތް ބަލައި ނުގަތުމަށް ގޮވާލައްވާފައެވެ. މިގޮތަށް ގިނަ ބަޔަކު ގޮވާލަމުން އަންނަނީ، ރާއްޖެއިން ފެށިގެން 200 ނޯޓިކަލް މޭލު ލިބިފައި އޮންނަ ކަމަށް ބަލައިގެން ތިއްބާ 135 ނޯޓީކަލް ލިބޭ ގޮތަށް އެ މައްސަލަ ނިމުމުންނެވެ.
މިކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ ޗާގޯސް އަކީ ދިވެހިންގެ ތަނެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދެއްކި ނަމަވެސް އެއްވެސް ލިޔެކިޔުމަކުން އެއީ ދިވެހިންގެ ތަނެއްކަން އެނގެން ނެތް ކަމަށެވެ. ރާއްޖެ މިނިވަން ވީސުރެ ނިމިދިޔަ 4 ވެރިކަމުގައި ވެސް، ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ކަމަށް ދެކިގެން ނުވަތަ ބަލައިގެން ރާއްޖޭގައި ވެސް އަދި ރާއްޖެއިން ބޭރުގައި ވެސް ވަކާލާތެއް ކޮށްފައި ނުވާ ކަމަށާއި އެކަން އެގޮތަށް އޭރު ވެސް ކޮށްފައި ނުވަނީ ޗާގޯސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތް ކަމަށް ނުދެކޭތީ ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.