ޗާގޯސް އާކިޕެލަގޯ ނުވަތަ ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމާފައިވާ ނިންމުން މަޑުޖައްސާލުމާ ގުޅިގެން، ދިވެހިރާއްޖޭގެ ސަރުކާރުން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ، އިނގިރޭސިވިލާތުގެ މި ނިންމުމަކީ ދިވެހިރާއްޖޭގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. ފޯޅަވަހީގެ މައްސަލައަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާ ސީދާ ގުޅުންހުރި މައްސަލައަކަށް ވުމާއެކު، މި ނިންމުމުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލު ދެމެހެއްޓުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަަމަށް އެ މިނިސްޓްރީން ބުނެއެވެ.
ފޯޅަވަހީގެ މުސްތަގުބަލާއި އެތަނުގެ ވެރިކަން ހިންގުމުގެ ނިޒާމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޝަރުއީ އަދި ގާނޫނީ މަސްލަހަތުތަކެއް ވާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. އިނގިރޭސިވިލާތުން ފޯޅަވަހި ހަވާލުކުރުން މަޑުޖައްސާލުމަކީ ރާއްޖެއާއެކު އަލުން މަޝްވަރާތައް ފެށުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށާއި މީގެ ކުރިން މޮރިޝަސްއަށް ފޯޅަވަހި ދޫކޮށްލުމަށް އިނގިރޭސިވިލާތުން އެއްބަސްވެފައި ވަނީ ރާއްޖޭގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ނުހޯދައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ ކުރިން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އައިޓީއެލްއޯއެސް) އިން ވަނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު ބެހުމާ ގުޅޭގޮތުން ގޮތްތަކެއް ނިންމާފައެވެ. ނަމަވެސް، އެ ނިންމުމާ ގުޅިގެން ރާއްޖޭގެ މަސްވެރިންނަށާއި އިގްތިސާދަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާމެދު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމެރިކާގެ ސަރުކާރުން މި އެއްބަސްވުމަށް ދެމުން އައި ތާއީދު އަނބުރާ ގެންދިއުމާ ގުޅިގެން، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ މިކަމާ ގުޅޭ ބިލުތައް ފާސްކުރުން ހުއްޓާލާފައެވެ.
