ރ. ފުއްގިރި ކުއްޔަށް ދިން މައްސަލައިގެ ޝަރީއަތުގެ ހެއްކާ ބެހޭ މައްސަލައެއް އަދި ޝަރީއަތް ލައިވްނުކުރާ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށް، އެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް ކްރިމިނަލް ކޯޓުގައި ފުލުފުލުގައި ޝަރީއަތް ތާވަލުކުރި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ހުށަހަޅައިފިއެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، ފުއްގިރި މައްސަލައިގެ ޝަރީއަތުގެ ހެއްކާ ބެހޭ މައްސަލައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމަށް ނިންމާފައި ވަނިކޮށް، ދެ ހަފްތާގެ ތެރޭގައި ޔާމީންގެ މައްސަލަ ނިންމުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން، ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރާ މައްސަލައިން އެމަނިކުފާނަށް ލިބިދާނެ ހައްގަން އުނިކަމެއް އަތުވެދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ފުއްގިރި މައްސަލައިގެ ޝަރީއަތުގެ މަރުހަލާ މިއަދު ފަށައި، ހެކިބަސް ނެގުމުގެ އަޑުއެހުންތައް ކައިރި ކައިރީގައި ބާއްވަން ތާވަލުކޮށްފައިވާއިރު، ހެކިބަހާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ އަޑުއެހުމަކާއި ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމަކަށް ފަހު ދެން އޮންނާނީ ހުކުމްކުރުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އޭނާ ތުހުމަތުކުރެއްވި ގޮތުގައި، ޔާމީންގެ ޝަރީއަތްތައް ފުލުފުލުގައި ތާވަލުކޮށްފައި ވަނީ ގާނޫނުއަސާސީ އާ ހިލާފަށް، ދައުވާ އިން ބަރީއަވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބުމުގެ ހައްގުން ޔާމީން މަހްރޫމް ކޮށް، އެމަނިކުފާނުގެ އިންސާނީ ހައްގުތައް ނިގުޅައިގަނެވޭ ފަދަ ގޮތަކަށެވެ.
އެހެންވެ، ޖުޑީޝަރީ ކޮމިޓީން އެ މައްސަލަ ބަލައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ކްރިމިނަލް ކޯޓުން އާންމުކުރި ތާވަލުގައިވާ ގޮތުން، ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ދެން އެންމެ އަވަހަށް އަޑުއެހުމެއް އޮންނާނީ މި މަހުގެ ފަހު ދުވަހުގައެވެ.