މަޝްހޫރު ބިރުވެރި ފިލްމު ފްރެންޗައިޒް "އީވިލް ޑެޑް"ގެ އެންމެ ފަހުގެ ފިލްމު "އީވިލް ޑެޑް ރައިޒް" މި މަހުގެ 21 ވަނަ ދުވަހު ރިލީޒް ކޮށްފައި ވާއިރު މި ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.

މި ފިލްމު އެޅުވި ފުރަތަމަ ހަފްތާ ބަންދުގައި އެ ފިލްމަށްވަނީ 25 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. ފިލްމު ބިރުވެރިވުމުގެ އިތުރުން މި ފިލްމުގެ ޕްލޮޓްވެސް ވަރަށް ރީތި ކަމަށް އާންމުންވެސް ބުނަމުންދާއިރު ކްރިޓީކުންގެ ތަރުހީބުވެސް ވަނީ މި ފިލްމަށް ލިބިފައެވެ. ލީ ކްރޮނިން ޑައިރެކްޓުކޮށްފައިވާ "އީވިލް ޑެޑް ރައިޒް"ގެ މައިގަނޑު ރޯލުތަކުން ފެނިގެންދާ ތަރިންނަކީ އެލީސާ ސަދަލޭންޑާއި ލިލީ ސަލެވަން އާއި މޯގަން ޑޭވިސް އާއި މިއާ ޗޭލިސް އަދި ނެލް ފިޝާ އެވެ.

ރޮޓަން ޓޮމާޓޯސް އިން ވަނީ މި ފިލްމުގެ ރޭޓިން އަށް 84 އިންސައްތަ ދީފައެވެ. މި ފިލްމުގެ ކުރީ ބަޔަށް ރޮޓަން ޓޮމާޓޯސް އިން ދިނީ 65 އިންސައްތައިގެ ރޭޓިންއެކެވެ. އެމެރިކާގެ ބޮކްސް އޮފީހުގެ ދެވަނައިގައި މި ފިލްމު އޮތް އިރު މި ފަހަރުގެ ފިލްމުން ފެނިގެންދަނީ އާއިލީ ގުޅުން ކަނޑާލާފައިވާ ދެބެން އަހަރުތަކެއް ފަހުން ދިމާވުމުން އެ ގުޅުން އަލުން ރަނގަޅު ކުރަން އުޅޭ މަންޒަރެވެ. އަދި ދެމީހުންގެ ގުޅުން ރަނގަޅުކުރަން އުޅުމުގެ ތެރޭގައި ރޫހާނީ ބޮޑު ކަންތައްތަކެއް ވެގެންދާތަނެކެވެ.

މި ފިލްމުގެ ފުރަތަމަ ބައެއް އާންމުންނާ ހަމައަށް އައީ 1981 ވަނަ އަހަރުގައެވެ. "އިވިލް ޑެޑް 2" ގެ ނަމުގައި ފިލްމުގެ ދެވަނަ ބައެއް އާންމުންނާ ހަމައަށް އައީ 1987 ވަނަ އަހަރުގައެވެ. "އީވިލް ޑެޑް" ޓްރިއޮލޮޖީ ނިންމާލުމަށްފަހު ފިލްމުގެ ސީކުއެލެއް ވަނީ ރީބޫޓްކޮށްފައެވެ. 2013 ވަނަ އަހަރު ނުކުތް "އީވިލް ޑެޑް" ފިލްމަށް 97 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބުނު އިރު 10 އަހަރުފަހުން ގެނެސްދޭ މި ފިލްމަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.