މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީއާ މެދު ޔަގީންކަން އޮތް ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތިލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އަދުރޭ ވިދާޅުވީ މިއަދު ޕީޕީއެމް ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ ޓީކެޓު އަރުވާފައި ވަނީ ޕީޕީއެމް ޕީއެންސީގެ ސެނެޓުގެ އިއްތިފާގުން ފާސްކޮށްގެން ކަމަށާއި ރިޔާސީ އިންތިހާބަށް ހުޅުވާލުމާއެކު ރައީސް ޔާމީންގެ ކެނޑިޑެންސީ ފައިލް ކުރެވޭނެ ކަމުގައެވެ. އަދި އެއާއެކު 48 ގަޑިއިރު ތެރޭގައި ރައީސް ޔާމީނުގެ މައްސަލައާ ގުޅޭ ގޮތުން ގޮތެއް ނިންމަން ސްޕްރީމް ކޯޓަށް ޖެހޭނެ ކަމަށެވެ.

"ޕީޕީއެމް ޕީއެންސީގެ ސެނެޓުގެ އިއްތިފާގުން ފާސްކޮށްގެން ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު އަރުވައިގެން މިއުޅެނީ އެހެންވީމަ ރިޔާސީ އިންތިހާބަށް ހުޅުވާލުމާއެކީގަ ރައީސް ޔާމީންގެ ކެނޑިޑެންސީ އަޅުގަނޑުމެންނަށް ފައިލް ކުރެވޭނެ، އެ ހިސާބުން ޖެހޭނެ 48 ގަޑިއިރު ތެރޭގަ ގޮތެއް ނިންމަން ސްޕްރީމް ކޯޓުން، އެހެންވީމަ އަޅުގަނޑުމެންނަށް ޔަގީންކަން މިއޮތީ އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިހާބުގަ ރައީސް ޔާމީނަށް ވާދަ ކުރެއްވޭނެކަން"
އަދުރޭ

މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ލައިވް ނުކުރާ ސަބަބު އޮޅުން ފިލުވުމަށް މިއަދު އެ ކޯލިޝަނުން ކްރިމިނަލް ކޯޓަށް ގޮސްފައިވާކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ އިސް ގާޒީއާ މިއަދު ބައްދަލު ނުކުރެއްވުނު ކަމަށެވެ. އަދި 3 ދުވަސް ފަހުން އިސް ގާޒީއަށް ސިޓީ ލިބުމުން، ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ކޮތަޅު" ގެ ނަމުގައި އަންނަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ޖަލްސާއެއް ބާއްވާނެކަން އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު ހަވާލުކުރީ ޑިމޮކްރަޓިކް އުސޫލުން ކަމަށާއި، އިތުރު ކެންޑިޑޭޓަކާ މެދު ވިސްނަން ޖެހޭ ހާލަތެއް އަދި ނެތް ކަމަށް މީގެ ކުރިންވެސް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ މުއްދަތަކަށް ޔާމީން ޖަލަށްލުމާއެކު، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ވަނީ މިވަގުތު ގެއްލިފައެވެ.