ޕްލާސްޓިކް ކޮތަޅު ވިއްކާ އިރު ކޮތަޅަކުން 2 ރުފިޔާގެ ފީއެއް ނަގަން ފެށުމުން ކޮތަޅު ބޮނޑިއެއް ވިއްކާ އަގު އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ކުޑަ ކުރަން ތާއީދު ނުކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް އެތެރެ ކޮށް ވިއްކާ ޕްލާސްޓިކް ކޮތަޅުން އަގު ނެގުން ލާޒިމް ކުރާ ގާނޫނު ފާސްކޮށްފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުއެވެ. ގާނޫނު ތަސްދީގު ކުރިތާ ހަތަރު މަސް ފަހުން އެއަށް އަމަލު ކުރަން ފެށިއިރު މިވަނީ ބޮޑެތި މައްސަލަތަކެއް ފާހަގަ ކުރެވިފައެވެ. އެގޮތުން 100 ކޮތަޅު ހުންނަ ބޮޑިއަކުން 2 ރުފިޔާގެ މަގުން ބެލީމައި 200 ރުފިޔާ އިތުރިވި ނަމަވެސް ކޮތަޅު ހޯލްސޭލް ކުރާ ފަރާތްތަކުން ފެށިގެން ރީޓެއިލް ކުރާ ފަރާތްތަކާ ހަމައަށް ގޮސް ކަސްޓަމަރަށް (ގަންނަ މީހާއަށް) ކޮތަޅު ލިބޭ އިރު ބައެއް ހާލަތްތަކުގައި ކޮތަޅަކަށް 20 ރުފިޔާ އެބަ ޖެހެއެވެ.
އަދި މިވަގުތު އެ މައްސަލައަށް ހަމަކަނި ހައްލެއް ލިބެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ކަމަށް އެންވާރަމެންޓް މިނިސްޓްރީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް އިއްތިފާގުވެއެވެ. އަދި އެ އިސްލާހުގެ ބަހުސް މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނިކޮށް، އެކަމަށް ތާއިދު ނުކުރައްވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ، ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ބޮޑުކުރީ އެކަން އެނގި ތިބެ ކަމަށެވެ.
އަދި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ވިދާޅުވީ އަދި ޕްލާސްޓިކް މަދު ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލައިގެން ނުވާނެ ކަމަށެވެ.
ޕްލާސްޓިކް މަދު ކުރަނީ އެގޮތަށް ބޮޑު އަގު ނަގައިގެންތޯ ގިނަ ބަޔަކު ސްވާލު އުފައްދަމުން ދާ އިރު އެންވާރަމަންޓް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ވާނީ ހިމަނާފައި ކަމަށެވެ. ނަމަވެސް އެ ބިލް މަޖިލީހުން ފާސްވެގެން އައި އިރު އެ މާއްދާ ވަނީ އުނިކޮށްފައި ކަމަށެވެ.
ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ 50 ނުވަތަ އެ އަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ވެސް ފީ ނަގަން ނުޖެހޭ ގޮތަށެވެ. ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު އެވެ.
ކޮތަޅުން ނަގާ 2 ރުފިޔާއާ ގުޅިގެން ކާބޯތަކެތީގެ އަގުތަކަށްވެސް ބަދަލު އައިސްފައިވާ މިދަނޑި ވަޅުގައި އާންމުން ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޕާލްސްޓިކް ކޮތަޅުން ފީއެއް ނަގަަން ސަރުކާރުން ނިންމީ އެއީ އާންމު ދިރިއުޅުމުގެ ތެރޭޣައި އުފެދޭ ޕްލާސްޓިކް ކުނި މަދުކުރުމަށް ދުނިޔޭގެ ގައުމުތަކުގައި އެންމެ ކާމިޔާބު ކަމާއެކީ އަމަލުކުރާ އެއް ސިޔާސަތު ކަަމަށް ވެފައި، އެ ސިޔާސާތު ރާއްޖޭގައި ތަންފީޒު ކުރުމުން އެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެތީ ކަމަށް ބުނެއެވެ. ނަމަވެސް މިހާރު ގަވާއިދު އޮތް ގޮތުން ރައްޔިތުން އުފުލަންޖެހޭ ބުރަ ދަނީ އިތުރުވަމުންނެވެ.