މިހާރު މި ހިނގަނީ އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްވަރު ކަމަށާއި، އެހެންވެ ކަރަންޓު ބޭނުންކުރުމުގައި ސަމާލުވުމަށް ސްޓެލްކޯ އިން އިލްތިމާސް ކޮށްފިއެވެ.

ކަސްޓަމަރުންނަށް ފޮނުވި މެސެޖެއްގައި ސްޓެލްކޯ އިން މިއަދު ބުނީ، ކޮންމެ އަހަރެއްގެ އޭޕްރިލް މަހާއި މޭ މަހަކީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށެވެ.

މި ދުވަސްތައް މި އަހަރުގެ ރޯދަ މަހާ ދިމާވުމުގެ ސަބަބުން ކަރަންޓުގެ ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަން ފާހަގަކޮށް އެ ކުންފުނިން ބުނި ގޮތުގައި، މި ދުވަސްވަރު ރޭގަނޑުގެ ވަގުތުތަކުގައި ވެސް ކަރަންޓު އުފައްދަން ޖެހޭ މިންވަރު ވަނީ އިތުރުވެފައެވެ.

އެހެންކަމުން ކަރަންޓު ބޭނުންކުރުމުގައި ސަމާލުވެ، ކަރަންޓު އިގްތިސޯދުކޮށް އިސްރާފު ނުކުރުމަށް ސްޓެލްކޯ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް މަހާއި މޭ މަހަކީ ރާއްޖެ އަށް އެންމެ ހޫނު ގަދަވާ އެއް ދުވަސްވަރެވެ. އެހެންވެ، އަހަރުގެ އެހެން ދުވަސްދުވަހަށް ވުރެ މި ދުވަސްވަރު ގޭބިސީތަކުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ. އެކަމުގެ ސަބަބުން ކަރަންޓު ބިލުތައް ބޮޑުވެ، ކަސްޓަމަރުން މި ދުވަސްވަރު އަބަދު ވެސް ކަންބޮޑުވުން ފާޅުކުރެއެވެ.

މިކަމަށް އޮތް ހަމައެކަނި ހައްލެއްގެ ގޮތުގައި ކަރަންޓާ ބެހޭ އިދާރާތަކާއި ކުންފުނިތަކުން ފާހަގަކޮށްފައި ވަނީ ބޭކާރު ގޮތުގައި ކަރަންޓު ބޭނުންކުރާ މިންވަރު ދަށްކުރުމެވެ.