ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދޭން ދެކޮޅު ހަދާ ފަރާތްތަކުން ޖަލަށް ލުމާއި ގޭ ބަންދު ކުރުމުގެ ބާރު ކޯޓުތަކަށް ލިބޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފިއެވެ.

ހެކިބަސް ދޭން ދެކޮޅު ހަދާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ބާރު ކޯޓުތަކަށްދީފައިވާރު މިއަހަރު އަމަލުކުރަން ފެށި ހެއްކާބެހޭ އާ ގާނޫނުގެ މަތިން ހެކިބަސް ދޭން ލާޒިމް ކުރުވުމުގެ ބާރުއޮވެއެވެ. ހެއްކާބެހޭ އާ ގާނޫނުގެ ދަށުން ހެކިބަސް ދޭން އެންގުމާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތައް ހެދުމުގެ ބާރު އޮންނަނީ ސުޕްރީމް ކޯޓަށެވެ.

މިއަދު އަމަލުކުރަން ފެށި މި ގަވާއިދުގެ މަތިން އޮތް ހެއްކަކު ހެކިބަސް ދޭން ދެކޮޅު ހަދާނަމަ ހެކިބަސް ދޭން އެންގުމުގެ ބާރު ކޯޓަށް އޮންނާނެއެވެ. އަދި ޖިނާއި މައްސަލައެއްގައި ހެކިބަސް ދޭން ދެކޮޅު ހަދައިފިނަމަ ތިން މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދު ކުރުން ނުވަތަ ގިނަވެގެން 10،000 ރުފިޔާއިން ޖޫރިމަނާ ކުރަން ހުކުމް ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެއެވެ.

އާއިލީ ގުޅުމެއް އޮތުމުގެ ސަބަބުން ހެއްކާބެހޭ ގާނޫނުގެ ދަށުން ހެކިބަސް ދޭން ދެކޮޅު ހެދުމުގެ ބާރު އޮންނަ ފަރާތްތަކުގެ އިތުރުން އެ ގާނޫނުގެ ދަށުން ހެކިބަސް ދޭން ލާޒިމް ނުކުރެވޭނެ މީހުން ފިޔަވައި އެހެން ފަރާތްތަކުން އެ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. އަދި އެފަދަ މީހުން ކޯޓަށް ހާޒިރުވާން ދެކޮޅު ހަދާނަމަ އެ މީހުން ހައްޔަރުކޮށްގެން ވެސް ކޯޓަށް ހާޒިރު ކުރެވިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

މީގެއިތުރަށް އެ ގަވާއިދުގައި މަދަނީ މައްސަލަތަކުގެ ތެރެއިން އެއް ލައްކަ ރުފިޔާއަށް ވުރެ ދަށުގެ އަދަދުގެ ފައިސާ ހިމެނޭ މައްސަލަތަކުގައި ހެއްކެއް ނެތް ނަމަ ހުވާ ކުރުވައިގެން ދައުވާ ސާބިތު ކުރުމުގެ އުސޫލު ހިމަނާފައިވާއިރު ހުވާކުރަން ފުރުސަތު ދެވޭނީ އެއްވެސް ހެއްކެއް ނެތް ހާލަތުގައެވެ. އަދި އެ ގަވައިދުގައިވަނީ އެ ހާލަތުގައި ދައުވާލިބޭ މީހާ ހުވާކުރަން ދެކޮޅު ހަދައިފިނަމަ އެ ދައުވާ ސާބިތުވާނެ ކަމަށެވެ.