ވެލާނާ އެއާޕޯޓުގެ ކޮންސްޓްރަކްޝަން ސައިޓެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފި ކަމަށާއި އެކަމުން އެއާޕޯޓް އޮޕަރޭޝަނަށް އެއްވެސް ބުރުލެއް ނާރާކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

މައުލޫމާތު ލިބިފައި ވާ ގޮތުން އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގައި ހަތަކާތްތެރިވާ ޗައިނާގެ ބީޔޫސީޖީ ގެ ސައިޓެއްގައި ބޭނުންކުރާ ވެހިކަލެއްގައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް މެނޭޖަރު ޝަމްއާން ޝާކިރު ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ މިއަދުގެ 10:50 އެހާއިރު ކަމަށާއި ރޯވީ ކޮންސްޓްރަކްޝަން ސައިޓްގައި ތާރުއެޅުމަށް ބޭނުން ކުރުމުން އަންނަ ވެހިކަލެއްގައި ކަމަށެވެ.

އެއާޕޯޓު ފަޔާ އެންޑް ރެސްކިއުގެ ހާއްސަ ޓީމްގެ އެހީގައި މިހާރު އަލިފާން ގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި އެއާޕޯޓުގައި ދެމުން ގެންދާ އެއްވެސް ހިދުމަތަކަށް މިކަމުގެ ސަބަބުން ބުރޫ ނާރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ސަލާމަތީ ކަންކަމަކީ އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަންތައް ކަމަށާއި އެފަދަ ހާލަތަކަށް އަބަދުވެސް ތައްޔާރަށް ތިބޭ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާގެ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި މިހާރު ދައުރު ވަމުން ދާއިރު، އެ ވީޑިއޯއިން ފެންނަނީ އަލިފާނުގެ ހުޅުގަނޑު ވެހިކަލްގައި ހިފާ ކަޅު ދުންތައް މައްޗަށް އަރާ މަންޒަރެވެ.