ހުޅުމާލެ ފޭސް 2 ގައި 521 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް އާބަންކޯއިން އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް (އައިސީއެމްޕީއެލް) ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ހުޅުމާލޭ ފޭސް 2 ގައި އިތުރު މިސްކިތެއް އެޅުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު މިސްކިތް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 2 ލޮޓް ނަންބަރު 20243 ގައެވެ. އެ އެއްބަސްވުމުގެ ދަށުން 3 ފަންގިފިލާއަށް ގާއިމު ކުރާ މިސްކިތުގެ ބޮޑު މިނަކީ 11،643.74 އަކަފޫޓުވެ.

މިއަދު އާބަންކޯ ގައި ބޭއްވުނު ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އައިސީއެމްޕީއެލް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފަޔާޒުއެވެ. އަދި އާބަންކޯގެ ފަރާތުން ސޮއި ކުރެއްވީ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފުއެވެ.

ހުޅުމާލޭ ފޭސް 2 ގައި އަލަށް މީހުން އާބާދުވެގެން އަންނައިރު ބޭނުންވާނެ މިސްކިތްތައް ގާއިމު ކުރުމުގެ ގޮތުން މިއަދު ސޮއި ކުރެވުނު މިސްކިތް ހިމަނައިގެން ޖުމްލަ 7 މިސްކިތެއްގެ މަސައްކަތް މިހާރު ވަނީ ހަވާލު ކޮށްފައެވެ. އޭގެތެރެއިން ގިނަ މިސްކިތްތަކުގެ އަމަލީ މަސައްކަތްތައް ފެށިފައިވާއިރު ވަގުތީ މިސްކިތްތަކުގެ އިތުރުން ދާއިމީ މިސްކިތެއް މިހާރުވެސް ފޭސް 2 ގައި ހުރެއެވެ.

ހުޅުމާލެއަކީ ހުޅުމާލޭގައި ދިރިއުޅޭ އެންމަހާ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ހުޅުމާލޭ ޒިޔާރަތް ކުރާ ފަރާތްތަކަށް ބޭނުންވާނެ ހުރިހާ ބޭނުންތަކެއް ހިމެނިގެން ތަރައްގީ ކުރެވޭ ރަށަކަށް ހެދުމަށް އާބަންކޯގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.