ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ނަމުގައި ސްކޭމް ކޯލް ތަކެއް ހިންގަމުންދާތީ އާންމުން އެކަމަށް ސަމާލުކަން ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެއެވެ.

ބީއެމްއެލް އިން ބުނީ މި ދުވަސްވަރު ޕީއެސްއެމްގެ ނަމުގައި ފޯނުކޮށް އަދި އެއަށްފަހު ލިންކުލާފައި ހުންނަ އެސްއެމްއެސް މެދުވެރިކޮށް މަކަރާއި ހީލަތުން އޮޅުވާލައިގެން ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިންގް މައުލޫމާތު ހޯދުމަށް މަސައްކަތްކޮށް، އެދޭ މައުލޫމާތު ދީގެން ބައެއް ކަސްޓަމަރުންގެ އަތުން ފައިސާ ހޯދާފައިވާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެގޮތުން ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ކަސްޓަމަރެއްގެ އަތުން އޮޅުވާލައިގެން 50،000 ރުފިޔާ އާއި 75،000 ރުފިޔާ އާ ދެމެދު އަދަދެއްގެ ރުފިޔާ މުއާމަލާތްކޮށްފައިވާކަމުގެ ޝަކުވާ ބޭންކަށް ލިބިފައިވާ ކަމަށެވެ.

މީގެއިތުރުންވެސް ފޭސްބުކް ޕޭޖްތަކުން މުދާ ގަތުމަށް ފައިސާ ދެއްކުމުން އެ މުދަލެއް ނުދީ، ފައިސާ ފޮނުވި ފަރާތް ބްލޮކްކޮށް އިތުރު އެއްވެސް މުއާމަލާތެއް ނުކުރާ ކަމުގެ ޝަކުވާވެސް ބޭންކަށް ލިބޭކަން ފާހަގަކުރައްވާ، ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު އިތުރަށް ވިދާޅުވީ، ކާކުކަން ނޭނގޭ ފަރާތްތަކާއެކު ޑޮލަރުގެ މުއާމަލާތް ކޮށް ފައިސާ ނުލިބިގެން އެކަމުގެ ޝަކުވާވެސް ބޭންކަށް ހުށަހެޅިފައިވާ ކަމަށެވެ.

އަދި މިފަދަ ކަންކަމުން ސަލާމަތްވެ، ރައްކާތެރިވެ ތިބުމަށްޓަކައި ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ސައީދު ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގައި އީސިމްގެ ހިދުމަތް ބޭނުންކުރަމުންދާއިރު އޯޓީޕީ ބޭނުންކޮށްގެން އީސިމް އެކްޓިވޭޓްކޮށްލެވެއެވެ. އެހެން ކަމުން އީސިމް ނެގުން ފަދަ ހިދުމަތްތަކަށް ލިބޭ އޯޓީޕީ އެހެން ފަރާތަކާ ހިއްސާކޮށްފިނަމަ ސިމް އެހެން ފަރާތަކަށް ލިބި، އެކައުންޓުންކުރާ މުއާމަލާތްތަކަށް ފޮނުވާ އޯޓީޕީވެސް އެފަދަ ފަރާތްތަކަށް ލިބިގެންދާނެއެވެ.

އެކި ނަންނަމުގައި މީހުން ގުޅާ، ބީއެމްއެލް ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދާ ފައިސާ ފޭރެމުންދާތީ އެކުންފުނިން އަންނަނީ ތަކުރާރުކޮށް އާންމުން އެކަމަށް ހޭލުންތެރި ކުރުވުމަށް މަސައްކަތްކޮށް، ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް އެދެމުންނެވެ