ފާއިތުވި ހަފުތާގެ ތެރޭގައި އެކި ކަހަލަ މަކަރާއި ހީލަތް (ސްކޭމް) ގެ 38 މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓުކޮށްފައިވާއިރު، އެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ބޮޑުބައެއް އަނބުރާ ހޯދައިދެވިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2026 ނޮވެމްބަރު 8 އިން 14 ގެ ނިޔަލަށް ހުށަހެޅުނު 38 މައްސަލައިގައި ޖުމްލަ 630,573.34 ރުފިޔާ ވަނީ ގެއްލިފައެވެ. ނަމަވެސް ފުލުހުން ކުރި މަސައްކަތުން އޭގެ ތެރެއިން 402,658.34 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ. މިއީ ގެއްލުނު ޖުމްލަ ފައިސާގެ 63.9 ޕަސެންޓެވެ. އަދި އަނބުރާ ނުހޯދި ވަނީ 227,915.00 ރުފިޔާ (36.1 ޕަސެންޓް) ކަމަށް ފުލުހުންގެ ރެކޯޑުތަކުން ދައްކައެވެ.
ފުލުހުންގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. ހުށަހެޅުނު މައްސަލަތަކުގެ ތަފްސީލަކީ:
- އީ-ކޮމާސް / އޮންލައިން ވިޔަފާރި: 13 މައްސަލަ (%34.2)
- ހުއްދަނެތި ހިންގި މުއާމަލާތްތައް: 9 މައްސަލަ (%23.7)
- ބުކިންގ ކެންސަލް / ރީފަންޑް ސްކޭމް: 6 މައްސަލަ (%15.8)
- ކަރަންސީ އެކްސްޗޭންޖް ސްކޭމް: 5 މައްސަލަ (%13.2)
- އިމްޕަރސަނޭޝަން ސްކޭމް: 4 މައްސަލަ (%10.5)
- އިންވެސްޓްމަންޓް ސްކޭމް: 1 މައްސަލަ (%2.6)
މީގެއިތުރުން، ފަހަކަށް އައިސް ބުކިންގ ކެންސަލްކޮށް ރީފަންޑް ހޯދުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މިފަދަ މައްސަލަތަކުގައި ސްކޭމަރުން އަމަލުކުރާ ގޮތަކީ، ކޮޓަރި ނުވަތަ ހިދުމަތެއް ބުކް ކުރުމަށްފަހު ފައިސާ ދެއްކިކަމަށް ދައްކަން ސައްހަނޫން (ފޭކް) ޕޭމަންޓް ސްލިޕެއް ފޮނުވައެވެ. އަދި ކުއްލި ސަބަބެއް ދިމާވެއްޖެ ކަމަށް ބުނެ، ބުކިން ކެންސަލްކޮށް ވަގުތުން ފައިސާ އަނބުރާ ދިނުމަށް (ރީފަންޑަށް) އެދެއެވެ.
މިފަދަ ހާލަތްތަކުގައި، ވިޔަފާރިވެރިންނަށް އެކައުންޓަށް ފައިސާ ޖަމާވިތޯ ބެލުމެއްނެތި ރީފަންޑް ދެވުމުގެ ސަބަބުން ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާންޖެހޭކަން ފުލުހުން ފާހަގަކުރެއެވެ.
އެހެންކަމުން، ޕޭމަންޓް ސްލިޕެއް ފެނުމަކީ ފައިސާ ލިބުނުކަމުގެ ހެއްކެއް ނޫން ކަމަށާއި، އެއްވެސް ފަރާތަކަށް ރީފަންޑް ދިނުމުގެ ކުރިން ބޭންކް އެކައުންޓް ނުވަތަ ބޭންކް ސްޓޭޓްމަންޓް ޗެކްކޮށް ފައިސާ ޖަމާވެފައިވާކަން ޔަގީންކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އެކައުންޓަށް ފައިސާ ވަދެފައި ނުވާނަމަ، އެއްވެސް ހާލެއްގައި ފައިސާ އަނބުރާ ނުފޮނުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ހަނދާންކޮށްދީފައެވެ.
