ހުސްވި ހަފުތާގައި ދިވެހި ފުލުހުންގެ ހިދުމަތަށް ސްކޭމާ ގުޅުންހުރި 38 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ބޮޑުބައެއް އަނބުރާ ހޯދައިދީފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ނޮވެމްބަރު 8 އިން 14 ގެ ނިޔަލަށް ހުށަހެޅުނު މި މައްސަލަތަކުގައި ޖުމްލަ 630,573.34 ރުފިޔާ ގެއްލިފައިވެއެވެ. އޭގެ ތެރެއިން 402,658.34 ރުފިޔާ ފުލުހުންގެ މަސައްކަތުން ވަނީ އަނބުރާ ހޯދައިދީފައެވެ.

ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތައް ކަމަށް ތަފށް ހިސާބުތަކުން ފެނެއެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތަފްސީލަކީ:

  • އީ-ކޮމާސް / އޮންލައިން ވިޔަފާރި: 13 މައްސަލަ
  • އޮޅުވާލައިގެން ފައިސާ ހޯދުން: 9 މައްސަލަ
  • ބިރުދައްކައިގެން ފައިސާ ހޯދުން / ޕްރޮމޯޝަން ސްކޭމް: 6 މައްސަލަ
  • ސޯޝަލް މީޑިއާ ހެކްކުރުމުގެ މައްސަލަ: 5 މައްސަލަ
  • ޑޮލަރު ވިއްކުމުގެ ސްކޭމް: 4 މައްސަލަ
  • އެހެނިހެން ސްކޭމް: 1 މައްސަލަ

މީގެ އިތުރުން، ގެސްޓްހައުސްތަކާއި ހޮޓާތަކުން ކޮޓަރި ބުކް ކުރުމަށްފަހު ހިންގާ އައު އުކުޅެއްގެ ސްކޭމްތަކެއް ފާހަގަކުރެވެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިގޮތުން ސްކޭމަރުން ކޮޓަރި ބުކް ކުރުމަށްފަހު ކުއްލި ސަބަބެއް ދިމާވި ކަމަށް ބުނެ ބުކިންގް ކެންސަލްކޮށް ރީފަންޑަށް އެދެނީ ސައްހަނޫން (ފޭކް) ޕޭމަންޓް ސްލިޕްތައް ފޮނުވައިގެން ކަމަށް ވެއެވެ.

ހަމަ އެހެންމެ ބޭންކް އެކައުންޓަށް ފައިސާ ޖަމާވިތޯ ނުބަލައި ރީފަންޑް ދިނުމުގެ ސަބަބުން ގިނަ ފަރާތްތަކަކަށް ބޮޑެތި މާލީ ގެއްލުންތައް ވަމުންދާ ކަމަށް ފުލުހުން ފާހަގަކުރެއެވެ.

ފުލުހުން ވަނީ ޕޭމަންޓް ސްލިޕެއް ފެނުމަކީ ފައިސާ ލިބުނުކަމުގެ ހެއްކެއް ނޫން ކަމަށް ހަނދާންކޮށްދީފައެވެ. އެހެންކަމުން އެއްވެސް ފަރާތަކަށް ފައިސާ އަނބުރާ ދިނުމުގެ ކުރިން، ބޭންކް އެކައުންޓް ނުވަތަ ސްޓޭޓްމަންޓް ޗެކްކޮށް ފައިސާ ޖަމާވެފައިވާކަން ކަށަވަރުކުރުމަށާއި، ފައިސާ ޖަމާނުވާނަމަ އެއްވެސް ހާލެއްގައި ރީފަންޑް ނުދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.