ލެޕްޓޮޕް ސްކްރީނަކުން ނުވަތަ އެހެންވެސް ސްކްރީނަކުން ކިއު އާރު ކޯޑެއް ފެނުމާއެކު، ވިސްނާލުމެއްނެތި ފޯނުން ސްކޭންކޮށްލެވެއެވެ. ބައެއް ފަހަރު މިއީ ޑިސްކައުންޓެއް ލިބޭނެ ކަމެއްގެ ގޮތުގައި ނުވަތަ ފައިސާ ދައްކާ ޕޭޖަކަށް ނުވަތަ ވެބްސައިޓަކަށް ގެންގޮސްދޭ ކަމަކަށް ވެދާނެއެވެ. ނަމަވެސް މައްސަލައަކީ، ސްކޭން ކުރުމުގެ ކުރިން އެ ކޯޑަކީ ކޮންތަނަކަށް ގެންދާނެ ކޯޑެއްކަން އަމިއްލައަށް ނޭނގޭ ކަމެވެ.
ގިނަ ކޯޑްތަކަކީ ރައްކާތެރި އެއްޗެއް ކަމުގައިވީ ނަމަވެސް، ބައެއް ކޯޑްތަކުގެ ސަބަބުން ނުރައްކާތެރި ވެބްސައިޓްތަކަށް ގެންގޮސް، ސްކޭމެއްގައި ޖެހުމުގެ ފުރުސަތު އޮވެއެވެ. ސްކްރީނަކުން ކިއުއާރު ކޯޑެއް ސްކޭން ކުރުމުގެ ކުރިން މި 5 ކަންތަކާ މެދު ވިސްނާލުން މުހިއްމެވެ.
ކިއުއާރު ކޯޑު ދައްކަނީ ކޮން ފަރާތަކުން ހެއްޔެވެ؟
ކޯޑު ފެނުނީ ކޮން ތަނަކުން ކަމާއި، އެ ސްކޭން ކުރުމަށް އެދެނީ ކޮން ފަރާތަކުންތޯ ބަލާށެވެ. އިތުބާރު ހުރި ވެބްސައިޓެއްގައި އިން ކޯޑަކާއި، ކުއްލިއަކަށް އަރާ ޕޮޕް އަޕަކުން ނުވަތަ މެސެޖަކުން ފެންނަ ކޯޑަކާ ތަފާތުވާނެއެވެ. ސްކޭމަރުން މަޝްހޫރު ބްރޭންޑްތަކުގެ ނަމުގައި އޮޅުވާލައިގެން އުޅެދާނެތީ، ހަމައެކަނި ލޯގޯއަށް ބަލައިގެން އިތުބާރު ނުކުރާށެވެ. އެ ކޯޑަކީ ބޭންކަކުން ނުވަތަ ވަކި ވިޔަފާރިއަކުން ދޫކޮށްފައިވާ އެއްޗެއް ކަމަށް ބުނާނަމަ، އެ ކުންފުންޏެއްގެ ރަސްމީ ވެބްސައިޓް ނުވަތަ އެޕް ތެރެއިން އެކަން ޔަގީންކުރާށެވެ.
ކިއުއާރް ކޯޑުން ތިޔަ ގެންދަނީ ކޮންތަނަކަށް ހެއްޔެވެ؟
ފޯނުން ލިންކުގެ ޕްރިވިއުއެއް ދައްކާނަމަ، ލިންކު ހުޅުވުމުގެ ކުރިން އެ ވެބްސައިޓްގެ ޔޫއާރްއެލް އެޑްރެސް ރަނގަޅަށް ބަލާށެވެ. އަކުރުތައް ލިޔެފައިވާ ގޮތާއި، ނުވަތަ މަޝްހޫރު ބްރޭންޑަކާ ވައްތަރުކުރުމަށް އިތުރުކޮށްފައިވާ އަކުރުތައް ހުރޭތޯ ބަލާށެވެ. ޝޯޓެންޑްލިންކުތަކާ މެދު ސަމާލުވާށެވެ. ސަބަބަކީ އޭގެ ސަބަބުން ވަދެވޭ އަސްލު ތަން ފޮރުވިފައި ހުރެދާނެތީއެވެ. އެޑްރެސް ތައްގަނޑު ރަނގަޅު ނޫން ކަމަށް ފެނިއްޖެނަމަ، ކުރިއަށް ނުދާށެވެ.
ޒާތީ އެއްވެސް މައުލޫމާތެއް ހޯދަން އެދޭ ހެއްޔެވެ؟
ކިއުއާރު ކޯޑެއް މެދުވެރިކޮށް ހުޅުވޭ ޕޭޖަކުން ލޮގިން ވުމަށާއި، އެކައުންޓް ވެރިފައި ކުރުމަށް ނުވަތަ އިނާމެއް ހޯދުމަށް އެދިދާނެއެވެ. އެފަދަ އެއްވެސް އެއްޗެއް ޖެހުމުގެ ކުރިން، އެ އެދޭ ކަމަކީ ބުއްދި ގަބޫލުކުރާ ފަދަ ކަމެއްތޯ ވިސްނާލާށެވެ. އާދައިގެ ޑިސްކައުންޓެއް ދޭ ޕޭޖަކަށް ބޭންކުގެ ޕާސްވޯޑެއް ނުވަތަ ކާޑުގެ ޕިން ނުޖެހޭނެއެވެ. ހަމައެކަނި ކޯޑެއް ސްކޭން ކުރުމުން ހުޅުވުނު ޕޭޖަކަށް، މާލީ އަދި ސިއްރު މައުލޫމާތުތައް ދުވަހަކުވެސް ނުދޭށެވެ.
ފައިސާ ދެއްކުމަށް އެދެނީ ހެއްޔެވެ؟
ފައިސާ ދެއްކުމުގެ ކުރިން، ފައިސާ ލިބޭ ފަރާތުގެ ނަމާއި އަދަދު ޕޭމަންޓް އެޕުން ރަނގަޅަށް ޗެކްކުރާށެވެ. ހާއްސަކޮށް ކިއުއާރު ކޯޑެއް ސްކޭން ކުރުމުން ފައިސާ ނުވަތަ އިނާމެއް ލިބޭނެ ކަމަށް ބުނާނަމަ ވަރަށް ބޮޑަށް ސަމާލުވާށެވެ. ފައިސާ ލިބިގަތުމަށް ޕިނާއި އަމިއްލަ މައުލޫމާތު ޖަހާކަށް ނުޖެހޭނެއެވެ. ޓްރާންސެކްޝަންގެ ތަފްސީލުތައް ތިމާ ހީކުރިގޮތާ ދިމާނުވާނަމަ، އެކަން ކެންސަލް ކުރުމަށްފަހު ވަކިން އެކަން ޔަގީންކުރާށެވެ.
އެއްޗެއް ޑައުންލޯޑް ކުރުމަށް އެދޭ ހެއްޔެވެ؟
ބައެއް ކިއުއާރު ކޯޑުތަކުން އެޕްލިކޭޝަން ޑައުންލޯޑް ކުރާ ޕޭޖުތަކަށް ނުވަތަ ފައިލްތައް ހުޅުވުމަށް މަޖުބޫރުކުރެއެވެ. އެއްވެސް އެއްޗެއް ޑައުންލޯޑް ކުރުމުގެ ކުރިން، އޭގެ އަސްލު ދެނެގަނެ، އެޕް ތައްޔާރުކުރި ފަރާތް ޗެކްކުރާށެވެ. އަބަދުވެސް ރަސްމީ އެޕް ސްޓޯރުތައް ނުވަތަ އިތުބާރު ހުރި ވެބްސައިޓްތައް ބޭނުންކުރާށެވެ. ނޭނގޭ ޕޭޖަކުން އެޕެއް އިންސްޓޯލް ކުރުމަށް ނުވަތަ ޑިވައިސްގެ ސެކިއުރިޓީ ސެޓިން ބަދަލުކުރުމަށް އެދިއްޖެނަމަ، ހުއްޓާލާފައި އެއީ ރަނގަޅު ކަމެއްތޯ ބަލާށެވެ.
