މިދިޔަ ހުކުރު ދުވަހު ނ. މަނަދޫ ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ ނައީމާ މޫސާ (62އ)ގެ މަރާ ގުޅޭ ފަޅުގެއެއް ބަލައި ފާސްކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފާސްކުރަމުންދަނީ މަނަދޫގައި ހުންނަ ނ. އަތޮޅު އަތޮޅު ހޮސްޕިޓަލާ ކައިރީގައި ހުންނަ ފަޅުގެކެވެ.

މިއަދު ހެނދުނުން ފެށިގެން ފުލުހުން މި ގެ ފާސްކުރަމުން ދިޔަ ނަމަވެސް އެއީ ކޮން ކަމަކަށް ޝައްކުކުރެވިގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މަނަދޫގައި ގެއެއްގައި އެކަނި ދިރިއުޅެމުން ދިޔަ ނައީމާގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ ހުކުރު ދުވަހު އިރުއޮއްސި 6:13 ހާއިރުއެވެ. ފުލުހުން އެ ގޭގެ ދޮރު ހަލާކު ކޮށްގެން ވަންއިރު އޭނާ އޮތީ ބިންމަތީގައި މަރާލާފައެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން ނައީމާގެ ހަށިގަނޑުގައި ޒަހަމް ހުރި އިރު ކަރުގައި ވަަޅިއަޅައި ބުރިކޮށްލަން މަސައްކަތް ކޮށްފައި ހުއްޓެވެ. އޭނާގެ ހަށިގަނޑު ވަޅުލާފައިވަނީ އިއްޔެ 5:20ގައެވެ.

ނައީމާ މަރުގެ ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައި ވާތީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ފުލުހުންގެ އެ ޑިޕާޓްމެންޓްގެ ތަހުގީގު ޓީމަކާއި، ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް އެރަށުގައި ހަރަކަތްތެރިވަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ، ނައީމާގެ ހަށިގަނޑު ބަލައި، ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހު އިތުރަށް ޕޯސްޓްމޯޓަމް ހަދަމް ޖެހޭ ސަބަބެއް ނެތް ކަމަށް، ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވަނީ ނައީމާގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ނަމްބަރު 9911099 އަށް ގުޅާ ހިއްސާކުރުމަށް އެދިފައެވެ.