އިއްޔެ ނ. މަނަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ ނައީމާ މޫސާ (62އ)ގެ މަރާ ގުޅޭ މައުލޫމާތު އެނގޭނަމަ ހިއްސާ ކުރަން ފުލުހުން އެދިއްޖެއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ނައީމާގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ އިރުއޮއްސި 6:13 ހާއިރު ކަމަށެވެ. މި ރިޕޯޓާ ގުޅިގެން ނައީމާ ދިރިއުޅޭ ގެއަށް ވަދެ ބެލި އިރު އޭނާ ދިރިއުޅޭ ކޮޓަރި ތެރޭ ތަޅުންގަނޑުމަތީގައި އަނިޔާތަކާއެކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނައީމާ މަރުގެ ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައި ވާތީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ފުލުހުންގެ އެ ޑިޕާޓްމެންޓްގެ ތަހުގީގު ޓީމަކާއި، ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް އެރަށުގައި ހަރަކަތްތެރިވަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ، ނައީމާގެ ހަށިގަނޑު ބަލައި، ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހު އިތުރަށް ޕޯސްޓްމޯޓަމް ހަދަމް ޖެހޭ ސަބަބެއް ނެތް ކަމަށް، ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވަނީ ނައީމާގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ނަމްބަރު 9911099 އަށް ގުޅާ ހިއްސާކުރުމަށް އެދިފައެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން ނައީމާގެ ހަށިގަނޑުގައި ޒަހަމް ހުރި އިރު ކަރުގައި ވަަޅިއަޅައި ބުރިކޮށްލަން މަސައްކަތް ކޮށްފައި ހުއްޓެވެ. އޭނާގެ ހަށިގަނޑު ވަޅުލާފައިވަނީ މިއަދު 5:20ގައެވެ.