މަޝްހޫރު އެނިމޭޓެޑް ފިލްމު "ޝްރެކް" ގެ ފަސްވަނަ ބައެއް އަންނާނެކަން އިއުލާން ކޮށްފިއެވެ.

އޮރިޖިނަލް ކާސްޓާއެކު ފިލްމުގެ ފަސްވަނަ ބައެއް ގެނެސްދޭން ނިންމާފައިވާއިރު އިލުމިނޭޝަން ސްޓޫޑިއޯއިން ބުނީ ފިލްމުގެ މަސައްކަތް ފަށައިފި ކަމަށާއި ފަސްވަނަ ބަޔަށްވެސް ކުރީ ބައިތަކުގައި އަޑުއަޅައިިދިން އޮރިޖިނަލް ކާސްޓުން މިފަހަރުގެ ބަޔަށްވެސް އަޑުއަޅައިދޭނެ ކަމަށެވެ. ފިލްމާއި ގުޅޭގޮތުން މާބޮޑު ތަފްސީލެއް ނުދިން ނަމަވެސް އިލުމިނޭޝަން ސްޓޫޑިއޯ އިން ބުނީ ފިލްމުގެ އޮތިޖިނަލް ކާސްޓާއެކު ފަސް ވަނަ ބައެއް ގެނައުމަކީ މި ފިލްމުގެ ފޭނުންނަށް އުފާވެރި ހަބަރެއް ކަމަށެވެ.

މައިކް މާޔާސް އާއި ކެމެރަން ޑިއާޒް އަދި އެޑީ މާފީ ފަދަ ތަރިން މި ފިލްމަށް އަޑުއަޅާފައި ވާއިރު "ޝްރެކް" ގެ ފުރަތަމަ ބައެއް އާންމުންނާ ހަމައަށް އެންމެ ފުރަތަމަ އައީ 2001 ވަނަ އަހަރުގައެވެ. އެ ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުމާއެކު ފިލްމުގެ ދެވަނަ ބައި 2004 ވަނަ އަހަރު ނުކުތެވެ. ތިން ވަނަ ބައި 2007 ވަނަ އަހަރު ނުކުތް އިރު ފިލްމުގެ ހަތަރުވަނަ ބައި ނެރުނީ 2010 ވަނަ އަހަރުގައެވެ. ޖުމްލަ 130 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްްމަށް ބޮކްސް އޮފީހުގައި ވަނީ 756.2 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައެވެ.

ބޮޑު މެދުކެނޑުމަކަށްފަހު ފިލްމުގެ ފަސްވަނަ ބައި ގެންނަން އުޅޭކަން އިއުލާންކުރުމާއެކު މި ފިލްމުގެ ފޭނުންވަނީ ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކޮށްފައެވެ. 13 އަހަރު ފަހުން ފިލްމުގެ ފަސްވަނަ ބައެއް އަންނާނެ ކަން އިއުލާންކުރި ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި މި ފިލްމުގެ އާ ބައެއް ފެނުން އެކަށީގެންވަނީ އަންނަ އަހަރު ފަހުކޮޅު ނުވަތަ 2025 ވަނަ އަހަރު ކުރީކޮޅު ކަމަށެވެ.