ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދިރިއުޅުމަށް ބީލަމުގެ އުސޫލުން 15 ބިމެއް ވިއްކަން އާބަންކޯއިން އިއުލާނު ކޮށްފިއެވެ.
އާބަންކޯއިން ބުނީ، ބިން ވިއްކަނީ ހުޅުމާލޭގެ ބީޗް ސައިޑުން 1،600 އަކަފޫޓާއި 2،300 އަކަފޫޓުގެ 10 ބިމާއި، ބީޗް ފްރަންޓުން 1،200 އަކަފޫޓާއި 1،800 އަކަފޫޓުގެ ފަސް ބިން ކަމަށެވެ.
މި ބިންތަކަށް ބީލަށް ހުށަހެޅޭނީ 18 އަހަރުން މަތީގެ ދިވެހިންނަށާއި 100 ޕަސެންޓް ދިވެހި ކުންފުނިތަކަށް ކަމަށް އާބަންކޯއިން ބުނެއެވެ.
މި ފުރުސަތުގެ ދަށުން ކޮންމެ ފަރާތަކަށްވެސް ގަނެވޭނީ އެންމެ ބިމެއް ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނީ، ބިޑު ހުށަހަޅާއިރު އެއް މިލިއަން ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ދައްކަން ޖެހޭ ކަމަށެވެ. ބީލަން ހުށަހަޅަން ޖެހެނީ އާބަންކޯ އިން އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް އިން މެއި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ކަމަށް އެކުންފުނިން ބުނެއެވެ.
އެޗްޑީސީން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 134 ގޯތި ދިރިއުޅުމަށް ވިއްކާފައެވެ. އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވިއްކި 60 ބިމަކާއި މިދިޔަ އޮގަސްޓް މަހު ވިއްކި 74 ބިމެވެ.