ޑިޒްނީ އިން 2016 ވަނަ އަހަރު ނެރުނު ކާޓޫން "މޮއާނާ" ގެ ލައިވް އެކްޝަން ފިލްމެއް އުފައްދަން ނިންމައިފިއެވެ.

ކާޓޫންގެ ކެރެކްޓަރަކަށް އަޑުއަޅާފައިވާ ކުޅަދާނަ އެކްޓަރު ޑްވޭން ޖޯންސަން (ރޮކް) ބުނީ ކާޓޫންގެ ލައިވް އެކްޝަން ފިލްމެއް ގެންނަން ނިންމައި އޭގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މައުއީ ގެ ކެރެކްޓާއަށް އަޑުއަޅައިދިން ރޮކް މި ފަހަރުގެ ފިލްމުގައި ފެނިގެންދާނީ މައުއީ ގެ ރޯލުންނެވެ. އަދި މޮއާނާގެ ކެެރެކްޓާ އަށް އަޑުއަޅައިދިން އައޫލީ ކްރާވާލްހޯ ފެނިގެންދާނީ މޮއާނާގެ ރޯލުންނެވެ. ރޮކް ބުނީ މި ފިލްމުގެ ލައިވް އެކްޝަން ފިލްމުން ފެނުމުގެ ފުރުސަތު ލިބުމުން އުފާވާ ކަމަށާއި މި ކާޓޫނަކީ އޭނާގެ ހިތާއި ވަރަށް ކައިރި ކާޓޫނެއް ކަމަށެވެ.

މިއުޒިކަލް އެޑްވެންޗާ ފެންޓަސީ ޖޯންރާ އަށް ގެނެސްދީފައިވާ މި ކާޓޫނަކީ 175 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. އެ ފިލްމުވަނީ ބޮކްސް އޮފީހުގައި 682.6 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދާފައެވެ.

ޑިޒްނީ އިން އަންނަނީ އެ ކުންފުނިން އުފެއްދި ގިނަ އަދަދެއްގެ ކާޓޫންގެ ލައިވް އެކްޝަން ފިލްމު އުފައްދައި ނެރެމުންނެވެ. ދެން އެންމެ އަވަހަށް އެ ކުންފުނިން ނެރޭ ލައިވް އެކްޝަން ފިލްމަކީ "ލިޓްލް މާމެއިޑް" އެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ މެއި މަހުއެވެ. ޑިޒްނީ އިން މިހާތަނަށް ގެނެސްދީފައިވާ ލައިވް އެކްޝަން ފިލްމުތަކުގެ ތެރޭގައި "ލަޔަން ކިންގް"، "ޕިނޯކިއޯ" އަދި "ބިއުޓީ އެންޑް ދަ ބީސްޓް" ހިމެނެއެވެ.