ރައީސް ދަތުރުފުޅު ކުރައްވާ މަގު ނިންމަނީ މިނިސްޓަރު ނޫން ކަމަށް ވިދާޅުވެ މޮޓޯކޭޑަށް ހުރައް އެޅި މައްސަލައިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރެކިވަޑައިގެންފިއެވެ.

މާރިޔާ މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސައީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަތުރުފުޅު ކުރެއްވި މޮޓޯކޭޑް ހުއްޓުވީ ދުރާލާ ރާވައިގެން ކަމަށް ބެލެވޭތޯ އާއި އަދި އާންމުކޮށް މާލޭގައި މުޒާހަރާ ކުރާ ރޫޓުން މޮޓޯކޭޑުން ރޫޓް ނެގީ ގަސްދުގައި ކަމަށް ބެލެވޭތޯ އައްސަވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަން ދެކޮޅު ހައްދަވާ މާރިޔާ ވިދާޅުވީ އެ ސުވާލަކީި ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގެ ތެރެއިން އެ ތަރަހައިގެ ތެރޭގައި ހިމެނޭ ސުވާލެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު، އިދިކޮޅު ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި މުޒާހަރާ ކުރިއަށް ދަނިކޮށް ރައީސް ސޯލިހްގެ މޮޓޯކޭޑް ވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ކުރިއަށް ދިއުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހިމެނޭ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ވަނީ މޮޓޯކޭޑަށް ހުރަސް އަޅާފައެވެ.

އެކަމާ ގުޅިގެން ޖުމްލަ ފަސް މީހަކު ހައްޔަރު ކުރު ދެ މީހަކު މިހާރު ވަނީ ދޫކޮށްލާފައެވެ.

މޮޓޯކޭޑު އެ ސަރަހައްދުގައި 15 ވަރަކަށް މިނެޓު ތާށިވިއިރު ކާރުކޮޅަށް ކުރިއަށް ދެވޭ ގޮތް ނުވުމުން އަނބުރާލެއްވުމަށް ފަހު ވަޑައިގަތީ ބޮޑުތަކުރުފާނުގެ މަގުގެ ދެކުނަށެވެ. މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ސޯލިހް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް ޕީޕީއެމްގެ ދިދަ ވިހުރުވާ ހަދާފައެވެ. އަދި އެމީހުން ފަހަތައް ޖެއްސުމަށް ރައީސްގެ ސެކިއުރިޓީން ހަރަކާތްތެރި ވެފައި ވެއެވެ.

އެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީއިން ބަލަން ފަށާފައި ވާއިރު އެ މައްސަލައާ ގުޅިގެން ކޮމާންޑިން އޮފިސަރު ކާނަލް އަބްދުﷲ އިބްރާހިމާއި ސިފައިންގެ އިތުރު ބަޔަކު ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ.