ރާއްޖެއަށް މަސްތުވާތަކެތި ހިފައިގެން އަންނަނީ ޝިފާއެއް ނެތް ބަލިތައް ހުންނަ މީހުންކަމަށާ އެ މީހުން ބެލެހެއްޓުމަށް ދައުލަތުން ބޮޑެތި ހަރަދުކުރަން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވަނީ ރާއްޖެއަށް ޑްރަގު އެތެރެކުރާ މީހުން ފޮނުވާލެވޭ ގޮތަށް ގަވައިދު ބަދަލު ކޮށްފައިވާ އިރު މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ގަވައިދު ހެދިއިރު ޑިފެންސް މިނިސްޓްރީން ސަރުކާރަށް އެއްްވެސް ލަފައެއް ދިންތޯ އިބްރާހީމް ރަޝީދު ވަނީ ސުވާލު ކުރައްވާފައެވެ.

މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ މަސްތުވާތަކެތި ހިފައިގެން ގިނައިން ރާއްޖެއަށް އަންނަނީ އެއިޑްސް އަދި ކިޑްނީ ބަލިފަދަ ބޮޑެތި ބަލިތައް ހުންނަ މީހުން ކަމަށާއި އެ ފަދަ މީހުން މިހާރު ވެސް ޖަލުގައި އެބަތިބި ކަމަށެވެ. އަދި އެ މީހުން ބަލަހައްޓަން ސަރުކާރުން ބޮޑު ހަރަދެއް ކުރަން ޖެހޭކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހުންނާ ގުޅޭގޮތުން ހެދި ގަވައިދުގައި އޮންނަނީ ކޯޓުގެ އަމުރަކުން އެ މީހުން އަނބުރާ ފޮނުވާލެވޭ ގޮތަށްކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ އެ މީހުން އެތައް ބައިވަރު ދުވަހަކު ޖަލުގައި ބަހައްޓާ ދެން ފޮނުވާލަން އުޅޭއިރު ދިމާވާ އެތައް ބައިވަރު ދަތިތަކެއްވެސް ހުންނަ ކަމަށެވެ. މީގެ އިތުރުން މާރިޔާ ވިދާޅުވީ މަސްތުވާތަކެތި ހިފައިގެން ރާއްޖެ އަންނަ މީހުން އަނބުރާ ފޮނުވާލަނީ އެ މީހާގެ ކަންކަމަށް ޒިންމާވުމުގެ ބަދަލުގައި ކަމަށް އިމިގްރޭޝަނާއި ކަމްޓަމްސްގެ އޮފިސަރުން ބުނާ ކަމަށެވެ.

އެ ނޫން ގޮތަށް އެކަން ކުރެވިގެން ދިވެހި ދައުލަތުން، ދިވެހި ރައްޔިތުންގެ ފަރާތުން އެތައް ހަރަދެއް ކުރެވިގެން ރިމާންޑުގައި މީހުން ބަހައްޓަން ޖެހޭތީ އެކަން އެގޮތަށް ނުކުރުމަށްޓަކައި ސީދާ ފެންނަ ގޮތުގައި ގަވައިދެއް އޮންނަން ބޭނުންވާތީ އެކަން އެގޮތަށް ކުރެވުނީ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. އިތުރަށް މާރިޔާ ވަނީ މި ގޮތަށް މިކަންތައް ޕްރެކްޓިސް ކުރާތާ އެތައް ޒަމާނެއް ވެފައިވާ ކަމަށެވެ.