މަގާމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިފަދައިން ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ޝިޔާމް ވިދާޅުވީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާ ދެކޮޅުހަދާ ދިވެހިންނަށް އިހާނެތިކޮށް ކަންކުރުމަކީ މިނިސްޓަރުގެ ހައިސިއްޔަތުން ތާއީދުކުރައްވާ ކަމެއްތޯއާއި ސަލާމަތީ ބާރުތަކަށް ހިދުމަތްކުރައްވާ ޝަރަފުވެރި ކަމާއެކު ރިޓަޔާ ކުރައްވާފައިވާ ބޭފުޅުންނަށް ކުޑައިމީސް ކުރުމަކީ މިނިސްޓަރު މައާފަށް އެދެންޖެހިވަޑައިގަންނަވާ ކަމެއްކަމަށް ދެކެވަޑައިގަންނަވަންތޯ އައްސަވާފައެވެ. އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ މައުލޫމާތު ލިބިވަޑައިގެން ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ނުވުމަކީ ފެއިލްވުން ކަމަށް ގަބޫލު ކުރައްވަންތޯ ވެސް ޝިޔާމް ވަނީ އައްސަވާފައެވެ.

އެ ސުވާލުތަކާ ގުޅިގެން މާރިޔާ ވިދާޅުވީ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގައި ވަޒީރަކާ ސުވާލު ކުރެވޭނެ ދާއިރާތައް ކަނޑައަޅާފައިވާ ކަމަށާއި ރަސްމީގޮތުން ކުރާ ނުވަތަ ހިންގާ ކަމަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރެވޭނެ ކަމަށް އެ ގާނޫނުގައި ބުނާ ކަމަށެވެ. އަދި މިނިސްޓަރު މާރިޔާ ވަނީ ޝިޔާމްގެ ސުވާލަކީ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުގެ ދަށުން ކުރެވޭނެ ސުވާލެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

މާރިޔާ ވިދާޅުވީ ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި ސަރުކާރަށް ނުވަތަ ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެފަދަ އެއްވެސް ކަމެއް ވެސް ކުރައްވާފައި ނުވާނެ ކަމަށެވެ.

ފެއިލްވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެހެންނަމަވެސް އެއްވެސް ވަޒީރަކު ކުރާ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން އެއްވެސް އިއްޒަތްތެރި މެމްބަރަކަށް އެ ވަޒީރަކު ފެއިލްވީ ކަމަށް ގަބޫލު ކުރެވިއްޖެނަމަ ވަޒީރަކާ ދޭތެރޭ ފިޔަވަޅު އެޅުމަށް ގާނޫނު އަސާސީ އާއި ގާނޫނުން އިހްތިޔާރު ލިބިވަޑައިގަންނަވާ ކަމަށް ގަބޫލުކުރައްވާ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.