އިޓަލީގައި ރަސްމީ ލިޔެކިޔުންތަކާއި މުއާމަލާތްތަކުގައި އިޓާލީ ބަހާއި ބޭރު ބަސް މައްސުނި ކުރާނަމަ 100،000 ޔޫރޯ (108،705 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާ ކުރާ ގާނޫނެއްގެ ބިލް މަޖިލީހަށް ހުށަހަށައިފިއެވެ.

އިޓަލީބެ ބޮޑުވަޒީރު ޖޯޖިއާ މެލޮނީގެ ތާއީދާއެކު ފަބިއޯ ރަމްޕެއްލީ ހުށަހެޅި އެ ބިލުގައި އިޓަލީ ބަހާއި ބޭރުގެ ބަސްތައް މައްސުނި ކުރާ ވާހަކަ ފާހަގަ ކޮށްފައި އޮތަސް ބާރު އަޅާފައި ވަނީ އިޓަލީ ބަހާއި އިނގިރޭސި ބަސް މައްސުނި ކުރުމުގެ މައްޗަށެވެ. އެ ބިލުގެ ބަހުސްގައި ރަމްޕެއްލީ ބުނީ، އިނގިރޭސިވިލާތަކީ މިހާރު އީޔޫގެ ބައެއްވެސް ނޫން ކަމަށާއި އިޓަލީގެ ބަހާއި އިނގިރޭސި ބަސް މައްސުނި ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި އިޓަލީ ބަހާއި އެހެން ބަސްތައް މައްސުނި ވުމުން މާދަރީ ބަހަށް އުނިކަން ލިބޭ ކަމަށާއި ބަހަށް ގެއްލުން ލިބެމުން ދާ ކަމަަށެވެ.

ބިލުގެ ބަހުސް އަދި ފަށާފައި ނުވާއިރު އެ ބިލުގައި ވާ ގޮތުން، ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް މަގާމެއް އަދާކުރާ މީހެއް ނަމަ، ސާފު އަދި ފުރިހަމަ އިޓަލީ ބަހުން މުއާމަލާތު ކުރަން އެނގެން ލާޒިމު ކުރެއެވެ. އަދި ވަޒީފާގެ މަގާމުތަކާއި ކުރު ނަން އަދި ރަސްމީ ދިގުނަމާއި އެބްރިވިއޭޝަން ފަދަ ރަމްޒީ ނަންތައްވެސް އިނގިރޭސިން ނުލިޔެވޭނެއެވެ.

މީގެ އިތުރުން އިޓަލީގައި ހަރަކާތްތެރިވާ އަދި ހިންގާ ބޭރުގެ ވިޔަފާރިތަކުންވެސް އިނގިރޭސި ބަހުގެ އިތުރުން އިޓަލީ ބަހުން އޮންނަ ކޮންޓްރެކްޓްތަކާއި އެއްބަސްވުންތައް ހަދަން ޖެހޭނެއެވެ. އަދި އިޓަލީން ބޭރު މީހަކާއި އިޓަލީ މީހަކު މުއާމަލާތު ކުރާ ނަމަވެސް ބޭނުން ކުރަން ވާނީ އިޓަލީ ބަސްކަމަށް ބުނެއެވެ. މީގެ އިތުރުން އިޓަލީގެ ސަރަހައްދުގައި މުދާ ގަނެ ވިއްކުމާއި އަގު ޖެހުން ފަދަ ކަންކަން ވެސް ކުރަން ޖެހޭނީ އިޓަލީ ބަހުން ކަމަށާއި އެއާ ހިލާފުވާ ފަރާތްތައް 5،000 ޔޫރޯއާއި 100،000 ޔޫރޯއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.