އަންހެނުންނާމެދު އިހާނެތިކޮށް ހިތުމުގެ އާދަކާދައެއް އޮންނަ އިޓަލީގައި އަންހެނަކަށް ވީތީ އެމީހަކު މަރާލައިފި ނަމަ އެ ކަމެއް ކުރި މީހަކު އުމުރަށް ޖަލަށް ލެވޭގޮތަށް ގާނޫނެއް ފާސްކޮށްފިއެވެ.

އިޓަލީގައި އަންހެނުންނާމެދު ތަފާތު ކުރުން ގެންގުޅުމާއި އަންހެނުންނަށް އަނިޔާވެރި ވުމުގެ އާދަކާދައެއް އޮންނަ އިރު 2023 ގައި ހިނގި މިފަދަ ހާދިސާއަކުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ގޮސްފައި ވެއެވެ. އެ އަހަރު ހިނގި ހާދިސާ އަކީ ހައި ޕްރޮފައިލް ކޭސް އެއްގެ ގޮތުގައި މިން ކުރި ޔުނިވާސިޓީއެއްގެ ދަރިވަރު ޖޫލިއާ ސެޗެޓިން މަރާލި ހާދިސާއެވެ. އެ ހާދިސާ އާ ގުޅިގެން އިޓަލީގައި އެކަން ބޮޑުބަހުސަކަށް ވެ އާންމުންގެ ރުޅިވެރިކަން ސަރުކާރާއި ގާނޫނު ހަދާ ފަރާތްތަކަށް އަމާޒުވެގެން ދިޔައެވެ.

އަލަށް މި ގެނައި ގާނޫނާއެކު، އަންހެނުންނަށް ފާރަލައި ހެދުމާއި ފޮށުމާއި، ޖިންސީ ކަރީޒާގެ ބޭނުމުގައި ބްލެކްމެއިލް ކުރުން ފަދަ ކަންކަން އާންމުވުން ހުއްޓިގެން ދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އިޓަލީގައި އަންހެނުންނާ ފޮށުމާއި ފާރަލުމާއި އަންހެނުންގެ ބަރަހަނާ މަންޒަރުތައް ރެކޯޑުކޮށްގެން ބްލެކްމެއިލް ކުރުން ފަދަ ހާދިސާތައް ހިނގާލެއް ގިނައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 2024 ގައި އެކަނިވެސް 106 އަންހެނަކު މަރާލާފައި ވެއެވެ. އޭގެ ތެރެއިން 62 މީހަކު މަރާލާފައި ވަނީ އެމީހުންގެ ބައިވެރިންނާއި އެމީހުންގެ ކުރީގެ ބައިވެރިން (ލޯބިވެރިން، ފިރިން) ކަމަށް ވެއެވެ.

މި އާ ގާނޫނާއެކު ބަހުސަކަށް ވެފައި ވާ ދެވަނަ ކަމަކީ ސްކޫލުތަކުގައި ސެކްޝުއަލް އެޑިއުކޭޝަން އަދި އިމޯޝަނަލް އެޑިއުކޭޝަންގެ މާއްދާތައް ކިޔަވައިދިނުން ހުއްޓުވާން ޖެހޭ ވާހަކައެވެ. އެއާއެކު އިޓަލީގެ ސަރުކާރުން މިހާރު ވަނީ އެކަން ހުއްޓުވުމަށް ގާނޫނެއް ހުށަހަޅާފައެވެ. އެ ގާނޫނުގައި ބުނާ ގޮތުން، ދަށް ގްރޭޑްތަކުގައި އެ މާއްދާތައް ނުވަތަ ސެކްޝުއަލް އެޑިއުކޭޝަނާއި އިމޯޝަނަލް އެޑިއުކޭޝަންގެ މާއްދާތައް ކިޔަވައިދީގެން ނުވާނެއެވެ. އަދި ހައި ސްކޫލުތަކުގައި އެ މާއްދާތައް ނަގައި ދެވޭނީ ދަރިވަރުންގެ ބެލެނިވެރިންގެ ރުހުން އޮވެގެން ކަމަށް ވެސް ބުނެފައި ވެއެވެ.