އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީގެ އިސްކޮޅާ ބެހި ޓްވީޓެއް ކުރި މައްސަލައިގައި އެގައުމުގެ ނޫސްވެރިއަކު ޖޫރިމަނާ ކޮށްފިއެވެ.

5400 އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް ބުނެފައި ވަނީ އެއީ, މީހުންގެ ސިފައަށް ފާޑުކިޔުން ކަމަށެވެ. ބޮޑުވަޒީރު މެލޯނީ ގެންދަވަނީ އޭނާ އަށް ފާޑުކިޔައި ނޫސްވެރިންނާ ދެކޮޅަށް ދައުވާ އުފުއްލަވަމުންނެވެ. މިފަހަރު ދައުވާ އުފުއްލެވި ނޫސްވެރިޔާ އަކީ އަހަރުތަކެއްގެ ކުރިން މެލޯނީއާ ދެމެދު ސޯޝަލްމީޑިއާ އެޕް އެކްސްގައި ދެބަސްވުމެއްވެސް ވެފައިވާ ނޫސްވެރިއެކެވެ.

މޮލޯނީއަށް ފާޑުކިޔަމުން ނޫސްވެރިޔާ ބުނެފައި ވަނީ, 'ތީ އެންމެ 4 ފޫޓު ހުންނަ މީހެއް ކަމަށާއި ހުއްޓި ހުންނަ އިރު ނުވެސް ފެންނަ" ކަމަށެވެ.

މެލޯނީއަކީ އިސްކޮޅުގައި 5 ފޫޓު 2 އިންޗި ހުންނަ ބޭފުޅެކެވެ.

ނޫސްވެރިޔާގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފު ކުރުމުގެ ފުރުސަތު އޭނާއަށް އޮތް އިރު މެލޯނީގެ ލޯޔަރުން ބުނެފައި ވަނީ, ޖޫރިމަނާގެ ގޮތުގައި ނަގަން ކޯޓުން އަމުރު ކުރި ފައިސާ ހަރިޔާ ކުރާނީ ޗެރިޓީއަކަށް ކަމަށެވެ.

މި ކަމަކާ ގުޅިގެން ނޫސްވެރިޔާ ބުނެފައި ވަނީ އިޓަލީގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅިފައިވާ ކަމަށާއި މިއީ ނޫސްވެރިކަމަށް ދަތިވަގުތެއް ކަމަށެވެ.

ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް އިން ދައްކާގޮތުން އިޓަލީ އޮތީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ 24 ވަނައިގައެވެ. ރިޕޯޓާސް ވިތްއައުޓް ބޯޑާސް އިން ބުނާގޮތުގައި ނިމިދިޔަ އަހަރާއި މިއަހަރަކީ އިޓާލީގައި ނޫސްވެރިންނާ ދެކޮޅަށް ގިނަ ދައުވާތަކެއް އުފުލާފައި ވާ އަހަރުތަކެކެވެ.