ރާއްޖޭގައި ޑައިވިންއަށް ގޮސް އުޅުނު އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހާދިސާއާ ގުޅިގެން، އިޓަލީ ސަރުކާރުން ފަށާފައިވާ ތަހުގީގަށް ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، މި ހާދިސާގެ ތަހުގީގެއް އިޓަލީގެ ޕްރޮސެކިއުޓަރުން ފަށާފައިވާކަން އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އިޓަލީ ސަރުކާރުން އެދިއްޖެ ނަމަ، ރާއްޖެއިން ކުރިއަށް ގެންދިޔަ ތަހުގީގުން ލިބިފައިވާ އެންމެހާ މައުލޫމާތެއް ހިއްސާކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި ތަހުގީގަކީ ދިވެހި ފުލުހުން ހިންގާ ތަހުގީގުގެ އިތުރުން، އެ ގައުމުގެ ޕްރޮސެކިއުޓަރުން "އިހުމާލުން މީހަކު މަރުވިތޯ ބެލުމަށް" ހިންގާ ވަކި ތަހުގީގެކެވެ. މީގެ އިތުރުން، މަރުވި ފަސް މީހުންގެ ހަށިގަނޑު އިޓަލީއަށް ގެންދިއުމަށްފަހު އޮޓޮޕްސީ ހެދުމަށާއި، ފަތުރުވެރިން ދަތުރުކުރި "ޑިއުކް އޮފް ޔޯކް" ސަފާރީގެ ފަރާތްތަކާ ސުވާލުކުރުމަށް ވެސް އެ ގައުމުން ވަނީ ނިންމާފައެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޑައިވިންއަށް ފޭބި ފަސް ފަތުރުވެރިންގެ ހަބަރެއް ނުވެގެން ފުލުހުންނާއި ސިފައިންނަށް ރިޕޯޓު ލިބުނީ އެ ދުވަހުގެ މެންދުރުފަހު 13:45 ހާއިރުއެވެ. އެމީހުން ހޯދުމުގެ މަސައްކަތް ކުރަނިކޮށް، ފުރަތަމަ މީހާގެ ހަށިގަނޑު ފެނުނީ ހަމަ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، މޫދު އަޑިން ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ބޮޑު ކޭވްއެއްގެ ތެރެއިންނެވެ.
ބާކީ ތިބި މީހުން ވެސް އެ ހޮހަޅައިގެ ތެރޭގައި ތިބި ކަމަށް ބެލެވިގެން، އެމީހުން ނެގުމުގެ މަސައްކަތް ކުރަނިކޮށް، ސިފައިންގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ކަމަށްވާ ސާޖެންޓް ފަސްޓް ކްލާސް، މުހައްމަދު މަހުދީ ވަނީ މިދިޔަ ހޮނިހިރު ދުވަހު ނިޔާވެފައެވެ.
މަހުދީ ނިޔާވުމާ ގުޅިގެން މެދުކަނޑާލި އޮޕަރޭޝަން އަލުން ފަށާފައިވަނީ، އިޓަލީ ސަރުކާރުން ހަމަޖައްސައިގެން ރާއްޖެ އައި "ޑޭން ޔޫރަޕް" ޖަމިއްޔާއަށް ނިސްބަތްވާ ފިންލެންޑުގެ ތިން ތަޖުރިބާކާރުންނާ އެކީގައެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު އިއްޔެ ވަނީ އެ ހޮހަޅައިގެ ތިންވަނަ ޗެމްބަރުގެ ތެރެއިން، ގާތްގަނޑަކަށް 200 ފޫޓު އަޑިން ނަގާފައެވެ. ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު މިއަދު ނަގާފައިވާ އިރު، މިހާރު އެ ހަތަރު މީހުންގެ ހަށިގަނޑު ވަނީ މޯޗަރީގައެވެ. އަދި އެމީހުންގެ ހަީށގަނޑޫ އަނބުރާ އިޓަލީއަށް ފޮނުވާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން "ޑިއުކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް މިހާރު ވަނީ ހިފަހައްޓާފައެވެ. މި ހާދިސާގައި މަރުވެފައި ވަނީ މޮނިކާ މޮންޓެފަލްކޯން (52 އަހަރު)، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް (20 އަހަރު)، މުރީއެލް އޮޑެނިނޯ (31 އަހަރު)، ޖިއަންލުކާ ބެނެޑެޓީ (44 އަހަރު) އަދި ފެޑެރީކޯ ގުއަލްޓިއަރީ (31 އަހަރު) އެވެ.
