ރާއްޖޭގެ ހަތަރު ރަށެއްގައި ހޮސްޕިޓަލްތައް ހެދުން ހިމެނޭ ގޮތަށް ހަތަރު އެއްބަސްވުމެއްގައި ޗައިނާއާއެކު މިއަދު ރާއްޖެއިން ސޮއިކޮށްފިއެވެ.

އެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ޗައިނާ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (ސިޑްކާއާ) ގެ ވައިސް ޗެއާމަން ދިން ބޯ ޖިން ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައެވެ. އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލިޒިންގް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ އެއްބަސްވުމުގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގައި ގާއިމްކުރާ ހަތަރު ހޮސްޕިޓަލެއްގެ ފީސިބިލިޓީ ހަދައި އިމާރާތްކުރުމުގެ އެއްބަސްވުމަކާއި 2023-2025އަށް ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމާ ގުޅޭ އެމްއޯޔޫއެއްގެ އިތުރުން ގައުމީ ދާރުލްއާސާރު މަރާމާތު ކުރުމުގެ އެއްބަސްވުމަކާއި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު މަރާމާތުކޮށް، ބެލެހެއްޓުމުގެ އެއްބަސްވުމެއް ގައެވެ.

މިނިސްޓަރު ޝާހިދު ވަނީ ރާއްޖޭގެ އިޖްތިމާއީއާއި އިގްތިސާދީ ތަރައްގީއަށް ޗައިނާއިން ވެދެއްވާ އެހީއަށް ޝުކުރު އަދާކުރައްވާފައެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުންތަކާއެކު އެކި ދާއިރާތަކުން ޗައިނާއާއެކު އިތުރަށް ގުޅުން ބަދަހިވާނެ ކަމަށާއި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީވެދޭ ކަމަށެވެ. އަދި ހޮސްޕިޓަލްތައް އެޅުމުގެ އެމްއޯޔޫއާއެކު ލަސްވެފައިވާ ހއ. ދިއްދޫއާއި ގއ. ވިލިނގިއްޔާއި ރ. އަލިފުއްޓާއި ދ. ކުޑަހުވަދޫގެ ހޮސްޕިޓަލްގެ މަސައްކަތްތައް ދެން ލަހެއް ނުވެ ފެށޭނެ ކަމަށެވެ.