ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރީބްރޭންޑްކޮށް އެ ކުންފުނީގެ ނަން އާބަންކޯއަށް ބަދަލު ކޮށްފިއެވެ.

އެޗްޑީސީއަށް މިއަދު 22 އަހަރުވެގެން ދިޔައިރު އެ ކުންފުނިން ބުނީ ބަދަލުތަކެއް ގެނެސް، ކުންފުނީގެ މެނޭޖްމަންޓުން އަދި ހުރިހާ މުވައްޒަފުންގެ އަމާޒު މުޅިން އާ ހަރުފަތަކަށް ގެންދިއުމަށް ބޭނުންޖެހިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު އާބަން ޑިވެލޮޕްމަންޓް ކުންފުނީގެ ފުރިހަމަ ލަގަބު ހޯދާފައިވާ ކަމަށާއި މިހާރު އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް، ކައުންސިލްތަކާއި ގުޅިގެން ގެނެވެން ހުރި ތަރައްގީގެ މަސައްކަތްތައް ބަލާ، ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް ކުރުމަށް ކުންފުނި ފުޅާ ކުރުމެވެ.

އާބަންކޯ ބްރޭންޑިންގް ވެގެން ދާނީ މިހާރު ކުންފުނިން ދޭ ހިދުމަތްތައް ފުޅާ ކުރުމަށް ކުރެވޭ މުހިއްމު މަސައްކަތަކެއް ކަމުގައި އެ ކުންފުނިން ފާހަގަކޮށްފައިވާއިރު ޒަމާނީ ތަރައްގީ އާއި ރައްޔިތުންގެ ހިތްހަމަޖެހުމަށް މަސައްކަތް ކުރުމަކީ އާބަންކޯގެ އަމާޒެވެ. އަދި ކުންފުނީގެ ބްރޭންޑުގެ އަސްލެއް ކަމުގައި ބަލާފައި ވަނީ ރައްޔިތުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދާ ދޭނެ ބައިވެރިއަކީ އާބަންކޯ ކަމުގައެވެ.

ކުންފުނި ރީބްރޭޑް ކުރުމުގެ އިތުރުން އެ ކުންފުނީގެ އާ މޮބައިލް އެޕްލިކޭޝަން އާބަންކޯ އެޕް ވެސް ވަނީ މިއަދު ލޯންޗްކޮށްފައެވެ. އަދި މިހާރު ކުންފުނިން ދޭ ހުރިހާ ހިދުމަތެއް ފަސޭހަކަމާއެކު އެ އެޕްލިކޭޝަން މެދުވެރިކޮށް ލިބިގެންދާނެއެވެ.

މާލޭ ސަރަހައްދުގެ ތޮށްޖެހުން ކުޑަކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ހުޅުމާލޭ ޑިވެލޮޕްމަންޓް ޔުނިޓުގެ ނަމުގައި މަދު މުވައްޒަފުން ކޮޅަކާއި އެކު ފެށުނު މަސައްކަތް މިއަދުގެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މަސައްކަތްތައް ބަށްޓަން ކުރެވި ރޭވުންތެރިކަމާއި އެކު ކުރަމުން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު އަދި ކާމިޔާބު އެއް އެސް.އޯ.އީގެ ގޮތުގައެވެ.

2019 ވަނަ އަހަރު ހުޅުމާލޭގެ އިތުރުން ތިލަފުށި އަދި ގުޅީފަޅުގެ ޒިންމާތަކާއި އެ ދެ ރަށް ތަރައްގީ ކުރުމުގެ މަސްއޫލިއަތާއި އެ ކުންފުނިން ވަނީ ތަޖުރިބާގެ އަލީގައި ރާއްޖޭގެ އިގްތިސާދީ މައި ސަރަހައްދުކަމަށްވާ ގްރޭޓާ މާލޭ ރީޖަން ޕްލޭންތަކާއި އެއްގޮތަށް ރޭވުންތެރި، ޒަމާނީ ފެންވަރެއްގައި ތަރައްގީ ކުރުމަށެވެ.