ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ކުރިން ވިސާއެއް ނެގުމަކާ ނުލައި އެގައުމަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިއިންތިޒާމުގެ ދަށުން މުއްދަތު ހަމަނުވާ ޕާސްޕޯޓަކާއެކު ރާއްޖެއިން އޮމާނަށް ދަތުރުކުރައްވާ ފަރާތްތަކަށް އެގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 14 ދުވަހުގެ މުއްދަތަށް އެގައުމުގައި ތިބެވޭނެ ކަމަށެވެ.

ކުރިން ވިސާއެއް ނެގުމަކާނުލައި އޮމާނަށް ދަތުރުކުރެއްވުމަށްޓަކައި ދުރާލައި ހައްދާފައިވާ ހޮޓަލް ބުކިން އަކާއި ހެލްތު އިންޝުއަރެންސް އާއި ދެކޮޅު ޓިކެޓު އޮންނަންވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ޕާސްޕޯޓުގެ މުއްދަތު މަދުވެގެން 6 މަސްދުވަސް އޮންނަންވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، އޮމާނުން ދިވެހިންނަށް ވިސާ މައާފު ކޮށްދިނުން، ދިވެހި ސަރުކާރުން ދެކެނީ ދެގައުމުގެ މެދުގައި އޮތް ގާތް ރަހްމަތްތެރި ގުޅުމާއި އޮމާނުން ދިވެހިރާއްޖެއަށް ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުގައި ކަމަށެވެ.

ރާއްޖެއާއި ދުނިޔޭގެ ގައުމުތަކާ ދެމެދު އޮންނަ ގާތްގުޅުމުގެ ދަށުން އެ ގައުމުތަކުން އަންނަނީ އޮންއެރައިވަލް ވިސާ ހަމަޖައްސައި ދެމުންނެވެ.

ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދައިދީ، ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ދެއެވެ.