ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތްތައް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ހައިކޯޓުން މި އަމުރުކޮށްފައި ވަނީ ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ، ހަ މަސްދުވަހުގެ ތެރޭގައި 52.6 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރި އަމުރު އިސްތިއުނާފް ކުރުމަށް ހުށަހެޅި މައްސަލަ ނިމެންދެން، ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ވ. ފުއްގިރީގެ ޝަރީއަތް މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރެދިނުމަށް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އެދިވަޑައިގެންފައި ވަނިކޮށެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި އަންގާފައި ވަނީ އެ މައްސަލާގައި އެ ކޯޓުން ގޮތެއް ނިންމަންދެން ނުވަތަ އެހެން ގޮތެއް އަންގަންދެން ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ކުރިއަށް ނުގެންދަން އަމުރުކޮށްފައެވެ.

އެ އަމުރަށް އެދި މިދިޔަ އަންގާރަ ދުވަހު ޔާމީންގެ ފަރާތުން ގާނޫނީ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ، އިސްތިއުނާފުގެ ޝަރީއަތް ކުރިއަށްދާ މުއްދަތުގެ ތެރޭގައި އަޑުއެހުމެއް ބޭއްވުމަށް ކްރިމިނަލް ކޯޓުން ނޯޓިސް ފޮނުވާފައިވާ ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތް މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އަދި ޝިޔާޒްގެ ހުށަހެޅުމަށް ތާއީދުކުރައްވާ ދައުލަތުގެ ވަކީލް މަރިޔަމް ޝަހުމާ ވިދާޅުވީ، ވަގުތީ އަމުރެއް ނެރެދިނުމަށް ދައުލަތުގެ އިއުތިރާޒެއް ނެތް ކަމަށާޢި އެފަދަ މައްސަލަތައް ބެލުމަށް ދީފައި އޮންނަ މުއްދަތުގައި ކްރިމިނަލް ކޯޓުން އާންމުގޮތެއްގައި ޝަރީއަތް މަޑުޖައްސާލާ ކަމަށާއި ކްރިމިނަލް ކޯޓުން ދައުލަތަށް އަދި ނޯޓިސް ނުފޮނުވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައި ވާ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ހިމެނޭ 52.6 މިލިއަން ރުފިޔާ، ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކުރަން ހައިކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުން ނިމިފައިވާއިރު ކުރިއަތް އޮތް 7 ދުވަސް ތެރޭގައި ހުކުމްކުރަން ވަނީ ނިންމާފައެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ރައީސް ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް ޔާމީންގެ މައްޗަށް އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ. އަދި މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގައި ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ރައީސް ޔާމީނުގެ މައްޗަށް އަމުރު ކޮށްފައެވެ.

ދައުލަތުން ވަނީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރައީސް ޔާމީން ލޯންޑާ ކުރި އެއް މިލިއަން ޑޮލަރާއި އެ ފައިސާ އާ އެއްކޮށްފައިވާ 2،413،230 ޑޮލަރު ހޯދައިދިނުމަށް އެދިފައެވެ. މީގެ އިތުރުން ދައުލަތުން ވަނީ އެ ފައިސާ އިންވެސްޓް ކޮށްގެން ހޯދި ފައިސާ ވެސް ހޯދުމަށް އެދިފައެވެ.

ޔާމީންގެ ވަކީލުން ވަނީ، ޔާމީން ޖަލަށް ލާން ކުރި ހުކުމް ވެސް އިސްތިއުނާފަށް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމައެވެ.