ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައި ވާ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ހިމެނޭ 52.6 މިލިއަން ރުފިޔާ، ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކުރަން ހައިކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
މި މައްސަލާގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ޖަވާބު ދީފައިވާއިރު މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިތަކެއް ބަލައިނުގަތުމަށް ޔާމީންގެ ވަކީލުން ދަށު ކޯޓުގައި ހުށަހެޅި ހުށަހެޅުން ބަލައިނުގަތް ކަމަށްބުނެ އިސްތިއުނާފު ކޮށްފައިވާ ނުކުތާއަކީ އިސްތިއުނާފީ އޮނިގަނޑު ގިރާކުރެވޭނެ ނުކުތާއެއް ނޫން ކަމަށް ދައުލަތުން ފާހަގަކުރިއެވެ.
އެކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލު އަބްދުﷲ ސިޔާޒް ވަނީ ހެކި ބަލައިނުގަތުމަށް ހުށަހަޅާފައިވަނީ ގުޅުންނެތް ހެކި ހުށަހަޅާފައިވާތީ ކަމަށާއި ހުށަހަޅާފައިވަނީ ރައީސް ޔާމީނާ ދެކޮޅަށް ހަގީގަތާ ހިލާފު ވާހަކަ ދެއްކުމުގެ ފުރުސަތު ޝަރީއަތުގެ ތެރޭގައި ނުދިނުމަށް ކަމަށް ވިދާޅުވެފައެވެެ. އަދި މައްސަލައާ ގުޅުންނެތް އެކި ހެކިން ހުށަހަޅައިގެން ދައުލަތުން މަސައްކަތްކުރަނީ ތަފާތު ތުހުމަތުތަކެއް އުފައްދައިގެން ރައީސް ޔާމީންގެ އަބުރުކަތިލުމަށް ކަމަށް ސިޔާޒު ވަނީ ވިދާޅުވެފައެވެ.
މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ 7 ދުވަސް ތެރޭގައި ހުކުމް ކުރަން އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ރައީސް ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް ޔާމީންގެ މައްޗަށް އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ. އަދި މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގައި ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ރައީސް ޔާމީނުގެ މައްޗަށް އަމުރު ކޮށްފައެވެ.
ދައުލަތުން ވަނީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރައީސް ޔާމީން ލޯންޑާ ކުރި އެއް މިލިއަން ޑޮލަރާއި އެ ފައިސާ އާ އެއްކޮށްފައިވާ 2،413،230 ޑޮލަރު ހޯދައިދިނުމަށް އެދިފައެވެ. މީގެ އިތުރުން ދައުލަތުން ވަނީ އެ ފައިސާ އިންވެސްޓް ކޮށްގެން ހޯދި ފައިސާ ވެސް ހޯދުމަށް އެދިފައެވެ.
ޔާމީންގެ ވަކީލުން ވަނީ، ޔާމީން ޖަލަށް ލާން ކުރި ހުކުމް ވެސް އިސްތިއުނާފަށް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމައެވެ.