ޖުމްހޫރީ ޕާޓީގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކޮށް، ފުރަތަމަ ފަހަރަށް ދާއިރާތަކުގެ ރައީސުން ހޮވަން ނިންމާ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރޭ ޖުމްހޫރީ ޕާޓީން މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ދާއިރާގެ ރައީސުން ހޮވުމުގެ މަސައްކަތާ ގުޅޭ މައުލޫމާތު ވަނީ ހިއްސާ ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ދާއިރާތައް ކަނޑައަޅާފައިވާ ގޮތަށް ރާއްޖޭގެ 87 ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު މި މަގާމަށް އެދި ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީހަކީ 20 އެޕްރީލް ވާ ބުރާސްފަތި ދުވަހެވެ. މި މަގާމަށް އެދި ހުށަހަޅާ ފޯމާއެކު 50 މީހުންގެ ތާއިދު ހޯދަން ޖެހޭއިރު ދާއިރާގެ ރައީސުންގެ މަގާމަށް ކުރިމަތިލުމަށް މިވަގުތު ކޮންމެހެން ޖޭޕީގެ މެންބަރަކަށް ވާކަށް ނުޖެހެއެވެ. އެހެންނަމަވެސް ދާއިރާގެ ރައީސްގެ މަގާމަށް ކުރިމަތިލާ ފޯމާއެކު ޖޭޕީގެ މެންބަރަކަށް ވުމަށް އެދި ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެެވެ.

މީގެއިތުރުން ޖޭޕީން ބުނީ އެއް ދާއިރާއަށް އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލާނަމަ އެ މަގާމަށް މެންބަރަކު އިންތިހާބު ކުރާނީ ޕްރައިމަރީއަށް ފަހު ކަމަށެވެ.

މި އިންތިހާބާ ގުޅޭ ގޮތުން ޖޭޕީގެ ކޮމިޓީ މެންބަރުން ބުނީ މި ފުރުސަތަކީ ސިޔާސީ ގޮތުން ކުރިއެރުން ހޯދަން ބޭނުންވާ މީހުންނަށް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޖުމްހޫރީ ޕާޓީއަކީ ރައްޔިތުންނަށް އަބަދުވެސް ފުރުސަތުދޭ ޕާޓީއެއް ކަމަށް ކޮމިޓީން ވަނީ ފާހަގަ ކޮށްފައެވެ.