އިލެކްޝަން ކޮމިޝަން (އީސީ) ގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވި 5 ސިޔާސީ ޕާޓީއަކަށް 43.3 މިލިއަން ރުފިޔާ ޖަމާކުރުމަށް ބޭންކަތަކަށް ފޮނުވައިފިއެވެ.

އީސީއިން ބުނީ ފައިސާ ދޫކުރަނީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10،000 މެންބަރުން ހަމަވާ 5 ސިޔާސީ ޕާޓީއަށް ކަމަށެވެ. އަދި އެއީ އެ ޕާޓީއްގައި މެންބަރުން ތިބި ނިސްބަތުން ބޮލަކަށް 193.23 ރުފިޔާގެ މަގުން ކަމަށް އީސީއިން ވަނީ ބުނެފައެވެ.

ޕާޓީތަކަށް ދޫކުރި ފައިސާ:

  • ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) - 13,316,689.57 ރުފިޔާ
  • ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 8,454,780.51 ރުފިޔާ
  • ޖުމްހޫރީ ޕާޓީ (ޖޭޕީ) - 2,656,598.57 ރުފިޔާ
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) - 1,769,648.69 ރުފިޔާ
  • އަދާލަތު ޕާޓީ - 1,713,5338.65 ރުފިޔާ

ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރެވޭނީ ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓް ފައިސާއެވެ.

އީސީގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެނގޭ ގޮތުގައި މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވެރިކަން ކުރާ ޕީއެންސީގައި ތިބީ 68،665 މެންބަރުންނެވެ. އަދި އެމްޑީޕީގައި 43،765 މެންބަރުން ތިބިއިރު، ޖުމްހޫރީ ޕާޓީގައި ތިބީ 13،456 މެންބަރުންނެވެ.

އެމްޑީއޭގައި ޖޫން މަހުގެ 30 ވަނަ ދުވަހާ ހަމައަށް ތިބީ 9،011 މެންބަރުން ކަމަށް ވާއިރު، އަދާލަތު ޕާޓީގައި ތިބީ 8،844 މެންބަރުން ކަމަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކައެވެ.