މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅު ރަނގަޅުވެ، ހޮސްޕިޓަލުން ގެއަށް ދޫކޮށްލައިފިއެވެ.
ހިތުގެ ފަރުވާއަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ގާސިމް އެޑްމިޓް ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. އެދުވަހު އދ. އަތޮޅު ސަން އައިލެންޑު ރިސޯޓުގައި ހުންނަވަނިކޮށް އުނދަގޫތަކެއް ވާތީ ގާސިމް މާލެ ވަޑައިގަތީ ލޯންޗުގަ އެވެ.
އަދި ފަރުވާދިނުމަށްފަހު މިހާރު ހާލުކޮޅު ރަނގަޅުވުމުން ގާސިމް ވަނީ ގެއަށް ދޫކޮށްލާފައެވެ.
ވިލާ ގްރޫޕްގެ ޗެއާމަން، ގާސިމް ވަނީ މީގެ ކުރިން ވެސް ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވާފައެވެ.
އެގޮތުން 2017 ވަނަ އަހަރުވެސް ހާލުކޮޅު ސީރަސްވެ، އޭޑިކޭގައި ފަރުވާ ދީފައި ވެއެވެ. އަދި އޭގެ ކުރިން މެޑިކާއިން ވެސް ގާސިމް ވަނީ ފަރުވާ ހޯއްދަވާފައިވާއިރު އިތުރު ފަރުވާ ހޯއްދެވުމަށް ސިންގަޕޫރާއި ޖަރުމަނަށް ވެސް ވަނީ ވަޑައިގެންފައެވެ.