ރަމަޟާން މަހު ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 ހާއިރު އުމުރުން 34 އަހަރުގެ މުހައްމަދު ރެޒާ މަސައްކަތަށް ނުކުންނަނީ އިންޑޮނޭޝިއާގެ މެދާން ސިޓީގައި ހުންނަ އޭނާގެ ސްޓޯލަށެވެ.

ކުރިން ހަދާ ތައްޔާރު ކޮށްފައި ހުންނަ މެކަރޯނީ، ގޭސް އަވަން ބޭނުން ކޮށްގެން ހޫނުކޮށް، ރޯދައަށް ތިބޭ އިންޑޮނޭޝިއާ މީހުންނަށް ވިއްކަނީއެވެ.

މެކްރޯނީއާއި އެނޫންވެސް އެކި ބާވަތްތަކުގެ ތަކެތިން ތައްޔާރު ކުރާ ލުއި ކާނާގެ އެތައް އައިޓަމެއް ތައްޔާރު ކުރެއެވެ.

"ތަކްޖިލް ވިއްކުމަކީ ވަރަށް އުފާވާކަމެއް، އެއީ ވަރަށް ފަސޭހައިން ހެދޭ އެއްޗެއްސަށް ވާތީ." ރަމަޟާން މަސް ފިޔަވައި، އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ކުކުޅު ރެސްޓޯރެންޓެއް ހިންގާ ރެޒާ ކިޔައިދިނެވެ. "އަހަރެން މަސައްކަތް ކުރަނީ ހަވީރު ތިނަކުން ފެށިގެން އިރުއޮއްސި ހަޔަކަށް، ގާތްގަނޑަކަށް 80 ޕަސެންޓް ފައިދާއެއް ލިބޭ." ރެޒާ ބުންޏެވެ.

ތަކްޖިލް ވިއްކައިގެން 80 ޕަސެންޓް ފައިދާއެއް ލިބޭ ކަމަށް ރެޒާ ބުނޭ

ތަކްޖިލް އަކީ އިންޑޮނޭޝިއާގައި ރޯދަ ވީއްލުމަށް ކައި އުޅޭ ލުއި ކެއުންތަކެކެވެ. ތަކްޖިލްގެ މާނައަކީ އަރަބި ބަހުން "އަވަސް ކުރުން" ކަމަށާއި އޭގެ ބަދަލުގައި އިންޑޮނޭޝިއާގެ ބަހާސާ ބަހުން އެއީ "ރޯދަ ވީއްލުން އަވަސް ކުރުން" އެވެ.

މި އަހަރު ފުރަތަމަ ފަހަރަށް ރަމަޟާން މަހުގެ މެނޫގައި މި ކެއުން ހިމަނާފައި ވާއިރު، އެ ކެއުން ވިއްކޭނީ ކިހާ ވަރަކަށްކަން ނޭނގޭތީ، އަދި ދުވާލަކު ހަދަނީ ގާތްގަނޑަކަށް 50 ތަށި ކަމަށް ރެޒާ ބުންޏެވެ.

އިންޑޮނޭޝިއާގައި ރެސްޓޯރަންޓްތައް ހިންގާ ފަރާތްތަކުން ވެސް ތަކްޖިލް ހަދައެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވިޔަފާރިއަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ.

2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ބަލިމަޑުކަން ބޮޑުވި ދުވަސްވަރުވެސް ރެޒާ ތަޖްކިލް ހެދިއެވެ. އެ ބަލިމަޑުކަމުގެ ތަދުގަނޑުގެ ތެރޭގައި ތަޖްކިލް ހަދާ ގޭ ދޮރުމަތީގައި ވިއްކަާ ހެދި އިރު އެ ވިޔަފާރީގެ ފައިދާގެ ބޮޑުބައި ލިބުނީ އޮންލައިންކޮށް ގްރެބް އަދި ގޯފުޑް އެޕް މެދުވެރިކޮށް ކަމަށް ބުނެއެވެ.

އޮންލައިން ވިޔަފާރީގެ އެހީގައި ވެސް ރެޒާ އަށް އަދިވެސް ލިބެނީ މަގުމަތީގެ ސްޓޯލަކުން ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައެވެ. މަހެއްގެ ތެރޭގައި ގާތްގަނޑަކަށް 329 ޑޮލަރެވެ. މިދިޔަ އަހަރު އޭނާ ވަނީ މެދާންގެ އެންމެ ބޮޑު ރެސިޑެންޝަލް ކޮމްޕްލެކްސްގެ މަގުގެ އެއްފަރާތުގައި ތަކްޖިލް ވިއްކައިގެން ގާތްގަނޑަކަށް 658 ޑޮލަރު ހޯދާފައެވެ.

ތަޖްކިލް ވިޔަފާރި ކުރާ ސްކޫލް ދަރިވަރެއް ކަމަށްވާ ނާއިލާ ބުނީ އޭނާވެސް ތަޖްކިލް ވިއްކާ ކަމަށާއި އެކަން ފެށުނީ ބައްޕަ ސްކޫލަށް ދިޔަ ދުވަސް ވަރު ބައްޕަވެސް ތަކްޖިލް ކެއުންތައް ވިއްކާ އުޅޭތީ ކަމަށެވެ. މިހާރު ބައްޕަގެ އުމުރުން 40 އަހަރުވެފައި ވާއިރު، އަދިވެސް އެ މަސައްކަތަކަށް ހުއްޓައެއް ނުލައެވެ. މިއަދު 18 އަހަރުގެ ނާއިލާ އަދި 16 އަހަރުގެ ކަޒިންއެއް ކަމަށްވާ ދާވާ އަކީ އާއިލާގެ ތަކްޖިލް ސްޓޯލް މިހާރު ބަލަހައްޓާ ދެކުދިންނެވެ.

ނާއިލާގެ އާއިލާއިން ތަކްޖިލް ވިއްކާތާ އެތައް އަހަރެއްވެއްޖެ

"ޗޮކްލެޓް އަޅާފައި ހުންނަ ދޮންކޭލަކީ އަހަރެމެންގެ އެންމެ މަގުބޫލު ނާސްތާ. އެއީ ވަރަށް މީރު އެއްޗެއް. ރޯދަ އަށް ތިބޭ ގިނަ މީހުން ފޮނި ކާތަކެއްޗަށް ލޯބިކުރާތީ، މީތި ވެފައި އޮންނަނީ ވަރަށް މަގުބޫލު ފޮނި އެއްޗަކަށް." ނާއިލާ ބުންޏެވެ.

ތަކްޖިލް ސްޓޯލަށް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 130 ޑޮލަރު ލިބޭއިރު، އާންމުކޮށް ގާތްގަނޑަކަށް 92 ޑޮލަރު ނަގާ ފެމިލީ ޗިކަން ރެސްޓޯރަންޓަށް ވުރެ މި ސްޓޯލަށް މާ ބޮޑު ފައިދާއެއް ލިބެއެވެ.

ފްރައިޑް ސްޕްރިންގް ރޯލްސް، މިނީ ޑޯނަޓް، ޖެލީ، ޕެންކޭކް އަދި ކްރީމް ޕަފް ފަދަ ތަފާތު 50 ބާވަތެއްގެ ނާސްތާ އެ އާއިލާއިން ވިއްކައެވެ. ތަފާތު ބާވަތްތައް އެހާ ގިނަކަމުން އެމީހުން ވިއްކަނީ ކިހާ އަދަދެއްކެ ކާނާކަން ނޭނގޭ ކަމަށާއި ނަމަވެސް އެ އަދަދު ސަތޭކަ އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ނާއިލާ ބުންޏެވެ.

ނާއިލާ އާއި ދާވާއާ ހިލާފަށް ޑެވީ ޕުޓްރީ އަކީ ތަކްޖިލް ވިޔަފާރިއަށް އަލަށް ތައާރަފުވި މީހެކެވެ. ޑެވީ އަކީ ފާމަސިސްޓެއްގެ އިތުރުން ޔުނިވާސިޓީގައި ތައުލީމު ހާސިލުކުރަމުން އަންނަ މީހެކެވެ.

ޑެވީ ޕުޓްރީ އަކީ ތަކްޖިލް ވިޔަފާރިއަށް އަލަށް ތައާރަފުވި މީހެއް

22 އަހަރުގެ އެ ޒުވާނާގެ އުންމީދަކީ މިއަހަރުގެ ރަމަޟާން މަހު މަޝްހޫރު ފިނި ފްރުޓް ކޮކްޓެއިލް ޑެޒާޓެއް ކަމަށްވާ އެސް ބުއާ ވިއްކައިގެން އިތުރު ފައިސާ ހޯދުމެވެ. އޭނާ އެސް ބުއާ އިހްތިޔާރު ކުރީ އެ ހެދުމަށް އެއްވެސް އެއްޗެއް ކައްކަން ނުޖެހޭތީ ކަމަށް ބުންޏެވެ. ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އެހީތެރިވުމަށް އޭނާއާއެކު ދެ ރަހުމަތްތެރިންވެސް ބައިވެރި ވެއެވެ.

ޕުޓްރީ މި ބުއިން ހަދަނީ ފަޅޯ، ޑްރެގަން ފްރުޓް، މެލަން އަދި ސްޓްރޯބެރީގެ އިތުރުން ގްރާސް ޖެލީ އަދި ނާޓާ ޑި ކޮކޯ ފަދަ ތަފާތު ބާވަތްތަކުގެ މޭވާއާއި ގެރިކިރާއި ރާސްބެރީ ސިރަޕް އެއްކޮށްގެންނެވެ.

އޭނާ ބުނީ މިއީ ތަކްޖިލް ވިއްކާ ފުރަތަމަ އަހަރު ކަމަށާއި އެކަން ކާމިޔާބުވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. "އަހަރެން މަސައްކަތް ކުރަނީ މިކަން ކާމިޔާބު ވިޔަފާރިއަކަށް ވޭތޯ. މުޅި ދުވަހު ކަމެއް ނެތިފައި ޔުނިވާސިޓީގައި ތިބުމަށް ވުރެ މިކަހަލަ ކަމެއް ކުރުން މާ ރަނގަޅު." އޭނާ ބުންޏެވެ.

ރޯދަމަހުގެ އެކި ބާވަތުގެ ކެއުން ތަޖުރިބާ ކޮށްލަން ހިޔާރު ކުރާ ފަރާތްތަކުން ތަޖްކިލް އަކީ ތައްޔާރު ކޮށްލައިގެން ބޭނުން ކުރެވިދާނެ ކެއުމެކެވެ.