ވަން ޑިރެކްޝަން ބޭންޑުން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި، މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސްގެ ލޯބީގެ ވާހަކަތައް މީޑިއާތަކަށް ތިލަވެއްޖެއެވެ.

އެ ވާހަކަ މީޑިއާތަކާއި ހަމައަށް އައީ ޓޯކިއޯ ގައި ހެރީ އާއި މަޝްހޫރު އެމެރިކާ މޮޑެލް އެމިލީ ރަޓައުސްކީ އާއެކު ވަރަށް ގައިގޯޅިކޮށް ތިއްބާ ނަގާފައިވާ ވީޑިއޯތަކަށް މީޑިއާ އަށް ތިލަވުމާއެކުގައެވެ. އެ ވީޑިއޯ ސޯޝަލް މީޑިއާގައި ބާރުމިނެއްގައި ފެތުރެމުން އަންނައިރު ހެރީ އަށް ސަޕޯޓްކުރާ އެތައް ފޭނުންނެއް އަންނަނީ ހެރީ އަށް މަރުހަބާ ކިޔަމުންނެވެ. އަދި ހެރީ އާއި އެމިލީގެ ކެމިސްޓްރީ ވަރަށް ގުޅޭ ކަމަށް ފޭނުން ބުނެއެވެ.

މޮޑެލް އެމިލީ އަކީ މީގެ ކުރިން ކައިވެންޏެއްކޮށް ދަރިއަކު ވެސް ހުރި މީހެކެވެ. ފިލްމު ޕްރޮޑިއުސަރު ސަބާސްޓިއަން ބެއާ މެކްކްލާޑް އާއި 2018 ވަނަ އަހަރު ކުރި ކައިވެނި ރޫޅުނީ މިދިޔަ އަހަރެވެ. އެ ކައިވެންޏަށް ވަނީ ފިރިހެން ކުއްޖެއް ލިބިފައެވެ.

މީގެ ކުރިން ލަވަކިޔުންތެރިޔާ ހެރީ ލޯބީގެ ގޮތުން ގުޅުނީ ފިލްމު ކުޅުންތެރިޔާ އޮލިވިއާ ޖޭން ކޮކްބާން، އާންމު ނަމުން ނަމަ އޮލިިވިއާ ވައިލްޑް އާއެވެ. ދެމީހުން ވަރަށް އެކުގައި އުޅުމަށްފަހު ރިލޭޝަންޝިޕުން ބްރޭކެއް ނަގާކަން ހާމަކުރީ މިދިޔަ އަހަރެވެ. މީޑިއާތަކުން ބުނާ ގޮތުގައި އެމީިލީ އަކީ މީގެ އަށްވަރަކަށް މަސް ކުރިން ،އޮލިވިއާ އާއެކު ހެރީގެ ކޮންސެޓް ބަލަން ދިޔަ މީހެކެވެ. 2014 ވަނަ އަހަރު ހެރީ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ސެލެބްރިޓީ ކްރަޝް އަކީ އެމިލީ ކަމަށެވެ.